ކުރިޔަށް އޮތް ދިވެހިންގެ ފުޓްބޯޅަ އީދު؛ "ސާފް ޗެމްޕިއަންޝިޕް"ގެ މިއަހަރުގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ސޮއިކޮށްފި އެވެ.
ފުޓުބޯޅަ އެސޯސިއޭޝަނާއި އެކު ޕާޓްނަރވުމަށް، ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގަލޮޅު ސްޓޭޑިއަމްގައި މިއަދު އެެވެ.
މި ރަސްމިއްޔާތުގައި އެލައިޑުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފާޒު އެެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
އޮކްޓޫބަރު މަހުގެ 1-16 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިންޝުއަރަންސް ޕާޓްނަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ އިންޝުއަަރަންސް ޕެކޭޖެއް ފޯރުކޮށްދީ ފައެވެ.
އެގޮތުން މި ޕެކޭޖު ފަރުމާކޮށްފައިވަނީ ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރިމަތިވެދާނެ ހާނީއްކަތަކާއި އެހެނިހެން ހާލަތްތައް ކަވަރު ކުރާ ގޮތަށެވެ. "ގްރޫޕް ޕަރސަނަލް އެކްސިޑެންޓް" އިންޝުއަރަންސް ޕްލޭންގެ ރައްކާތެރިކަން 29 ކުޅުންތެރިންނާއި 6 އޮފިޝަލުން ހިމެނޭގޮތަށް މުޅި ޓީމަށް މުބާރާތް ނިމެންދެން ލިބޭނެ ކަމަށް އެލައިޑުން ބުނެއެވެ.
މީގެ އިތުރުން، މުބާރާތުގެ ފޯރިއާއި ގައުމީ ރޫހު އިތުރު ކުރުމަށް އިތުރު ކަންތައްތަކެއް ރާވަމުންދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް