ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ. ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި އެމިނިސްޓްރީގެ ދަށުން ހިނގާ ކައުންސިލ...

27 Sep 2021 | 11:23

ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި އެމިނިސްޓްރީގެ ދަށުން ހިނގާ ކައުންސިލްތަކާ ބައްދަލުކުރައްވައި ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން އަވަހަށް ޙައްލުކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރަމުންދާ މި ދަނޑިވަޅުގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މަޝްރަވާކޮށްގެން ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމުކަމުގައި ފާހަގަކުރެއްވި އެވެ.

މިދޭތެރެއިން ވެސް ސަރުކާރުން ޞިއްޙީ ދާއިރާގެ މީހުން ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުރު ރާސްތާ ޕްލޭނާ އެކުއެކީ މެދުރާސްތާ ޕްލޭނެއް ކުރިޔަށް ގެންދަން ޖެހިފައިވާކަމުގައި ވިދާޅުވެފަ އެވެ.

މެޑިކަލް ކައުންސިލްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތަކެވެ. މިގޮތުން ހުރިހާ ކައުންސިލަކުންވެސް ވަނީ މުވައްޒަފުންގެ ދަތިކަން ޙައްލުކޮށްދެއްވަން ދަންނަވާފައެވެ.

މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިން ވަނީ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމާއިއެކު އެދާއިރާގައި ތަމްރީންވާ މީހުން ވަޒީފާތަކުގައި ހަރުލެއްވުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި، ޞިއްޙީ ދާއިރާގެ ތަމްރީން ތަކަށް ބޭނުންވާ ކުދިން ހޯދުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ކުރެވިދާނެކަންކަމާއި ސްކޫލް ދައުރުން ފެށިގެން ޞިއްޙީ ދާއިރާގައި މަސައްކަތްކުރުމަށް ކުދިން ޝައުޤުވެރިކުރުވުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެބޭފުޅުން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ކައުންސިލްތައް ހިންގުމުގައި ދިމާވާ އެކި އެކި ދަތިތަކާ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޝާޙް ޢަބްދުﷲ މާހިރު އަދި މެޑިކަލް ކައުންސިލާއި، ނަރސިންގ ކައުންސިލާއި، އަދި އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް