ޔާމިނަށް އިއްވި ޖަލު ހުކުމް ކުޑަކޮށް، ޖޫރިމަނާ ބޮޑުކުރި ސަަބަބު ސާފުކޮށްދެއްވައިފި

މަނީ ލޯންޑަރިންގެ ގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންދު ޤާއްޔޫމް އަށް ޖަލު ޙުކުމް އިއްވާފައިވާއިރު، ޖަލު ޙުކުމް ލުއިކޮށް އޮވެފައި، ޖޫރިމަނާ އަދަދު އެންމެ މަތީ އަދަދުން އޮތީ ކީއްވެތޯ ޝަރ...

27 Sep 2021 | 09:46

މަނީ ލޯންޑަރިންގެ ގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންދު ޤާއްޔޫމް އަށް ޖަލު ޙުކުމް އިއްވާފައިވާއިރު، ޖަލު ޙުކުމް ލުއިކޮށް އޮވެފައި، ޖޫރިމަނާ އަދަދު އެންމެ މަތީ އަދަދުން އޮތީ ކީއްވެތޯ ޝަރީއަތުން ސުވާލު އުފެއްދުމުން އެކަން ސާފުކޮށްދެއްވައިފިއެވެ.

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން އެއް ނުކުތާގައި މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު ލުއި ޙުކުމެއް އިސް ކުރުން އޮންނައިރު، ޖޫރިމަނާ އޮތީ އެންމެ ބޮޑު މިންގަނޑުންކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެއް ހިމެނެއެވެ. މި ނުކުތާއާ ގުޅޭގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ޝަރީއަތުން ވަނީ ސުވާލުކޮށްފައެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުގެ ވަކީލާ ވަނީ މިއީ ޔާމީނުގެ މައްޗަށް ސާބިތުވާ ފުރަތަމަ ކުށް ކަމަށްވުމާއެކު، މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ޖަލު އަދަބުގެ އެންމެ ލުއި މިންވަރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖޫރިމަނާއާ ގުޅޭގޮތުން އަދަބު މަތިކުރަންޖެހޭ ޙާލަތެއް އޮތްކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަމަށް ވަކީލާ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށްވެފައި، ރައީސް ޔާމީނު އޭރު އަދާކުރަމުންދިޔަ މަޤާމަށް ބަލާފައި ކަމަށެވެ.

ނަމަވެސް އެކަން ދެން އޮންނަ އަޑުއެހުމެއްގައި އިތުރަށް ސާފު ކޮށްދެއްވުމަށް ޝަރީއަތުން އޭރު އަންގަވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޖިނާއީ ޤާނޫނުތަކުން އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަނީ ކުރާ ކުށާއި، އެކަމުގެ މިންވަރަށް ބަލައިގެން ކަމަށެވެ. އެގޮތުން ޖޫރިމަނާގެ އަދަބު ޤާނޫނު ހުއްދަކުރާ އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައިވަނީ މި މައްސަލައިގައި ޔާމީން ލޯންޑަރ ކޮށްފައވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ، އަދި ބޮޑު އަދަދެއްގެ ފައިސާއަށްވާތީ ކަމަށެވެ. އަދި ދައުލަތުން އެދުނު އަސާސްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ރިއާޔަތްކޮށް ޙުކުމް ކޮށްފައިވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

ވަކީލާ ވިދާޅުވީ، މި ކުށުގެ ބާވަތަށް ބަލާއިރުވެސް މިއީ މާލީ މަންފާއަކަށް ކޮށްފައިވާ ކުށެއް ކަމަށެވެ. ވީއިރު އަދަބު ދިނުމުގެ މަޤްސަދުވެސް އެކަމާ ގުޅޭނެކަން ފާހަގަ ކުރައްވައި ވަކީލާ ވިދާޅުވީ، މާލީ ކުށަކަށް ދޭންވާނީ މާލީ އަދަބެއް ކަމަށް ދައުލަތަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް