މިސަރުކާރުގެ ސިޔާސަތުގެ އެއް އަމާޒަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުންކަމަށާއި އެގޮތުން ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީތަކާއި އަދި ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ޑައިވިންގ ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ފަދަ ތަންތަނުގެ ވެރިންކަމުގައި ދިވެހިން ހެދުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ޝިޔާރަކީ “Tourism for inclusive growth” ކަމަށާއި މި ޝިޔާރަކީ ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތާއި ލާމެހިފައިވާ ޝިޔާރެއްކަމަށެވެ.
އާމްދަނީ ގިނައިން ލިބޭ ދިވެހިން އަދާ ކުރާ ހިތްވާ ވަޒީފާތައް ދިވެހިންނަށް ފަހިކުރުމާއި މި ދެ ސިޔާސަތު ތެރެއިން އަންހެނުންނަށް ވަކިން ޙާއްސަ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އެއް ސިޔާސަތަކީ ފަތުރުވެރިކަން ރައްޔިތުނާއި ހަމައަށް ގެންގޮސް ފަތުރުވެރިކަމުގެ މަންފާ ވަކި ވަކި ފަރުދުންނަށް ފޯރުކޮށް ދިނުންކަމަށެވެ. އެގޮތުން އުންމީދަކީ 2022 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފް ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އެންމެހާ ރައްޔިތުން ޝާމިލުވާގޮތަށް ތަރައްޤީވުމުގެ ފުރުޞަތު ލިއްބައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ ނިމިދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ފުރަތަމަ ފަހަރަށް އަލަށް ބޯޑަރ ބަންދު ކުރަން ޖެހުނު އަހަރުކަމަށެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް އައި ބޮޑު ލޮޅުމުގެ އަސަރު ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ މި ކުޑަ ކުޑަ ރާއްޖެއަށް ވަރަށް ބޮޑަށް ކުރަން ފެށިކަން މިނިސްޓަރ ވިދާޅުވިވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ މި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019 އަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާ ބަލާއިރު 12 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި 55،000 ޓޫރިސްޓް އެނދުގެ ތެރެއިން 51،000 އެނދު މިހާރު ވިއްކުމަށް ތައްޔާރުކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއަށް ވެކްސިން ތަޢާރަފުވުމާއިއެކު، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ވެކުސިންޖެހުމުގައި އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުގެ ސަބަބުން މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ 93 އިންސައްތަ މުވައްޒަފުންނަށް ވެކުސިން ފުރިމަކުރެވިފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ގިނަ ރިޒޯޓުތަކުން މުވައްޒަފުންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުންގެންދާތީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި އެގޮތައް ކަންތައްތައް ނުކުރެވޭ މަދު ރިޒޯޓުތަކަށް ގޮވާލަނީ މުވައްޒަފުންގެ ކަންތައްތައްކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްކަމަށާއި ފަތުރުވެރިކަން ކާމިޔާބު ކުރެވޭނީ މުވައްޒަފުން ހިނިތުންވެގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް