އިންޑީއާގައި ނިޔާވި ސިފައިންގެ މީހާގެ ޕޯސްޓްމޯޓަމް ނަހަދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް ނިޔާވީ، އަލް މަރުހޫމް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް އެވެ.
އުމުރުން 22 އަހަރުގެ ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ.
ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
ސުލްތާންގެ މަރު އިތުރަށް ތަހުގީގުކުރުމަށް ކޯޓް އޮފް އިންކުއަރީން ވެސް އަންގައިފައިވާ ކަން ފާހަގަކޮށް، ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމައިފައިވާ ކަމަށް އެންޑީއޭން ނެރުނު ބަޔަނާނެއްގައި ވެއެވެ.
އެކަމަކު އެމްއެންޑީއެފް އިން މިއަދު އޭނާގެ ޕޯސްޓް މޯޓަމް ނަހަދާ ކަމަށާއި ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 12:43 ގައި ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ސުލްތާންގެ ޖަނާޒާގެ ކަންކަން ރަސްމީ އިއްޒަތުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ސުލްތާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ މަގްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފައިވަނީ އާއިލާއިން އެކަމަށް އެއްބަސްނުވުމުގެ ސަބަބުންނެވެ.
ސުލްތާންގެ މަރާ ގުޅިގެން ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގެ ދިދަ ވަނީ 48 ގަޑިއިރަށް ބައި ދަނޑިއަށް ތިރިކޮށްފައެވެ.
އުމުރުން 22 އަހަރުގެ ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން މީގެކުރިން ނެރުނު ބަޔާނުގައި ބުނީ ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި ހޮނިހިރު ދުވަހު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާއަށް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް