އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ކަޅު ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ދައުވާ ނުކުރަން ދައުލަތުން ނިންމައިފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، އިސްތިއުނާފްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ފަރާތުން، ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ޚިޔާނާތުގެ ފައިސާގެ މުޅި މުއާމަލާތްތައް ހިންގި އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތޯއާއި އެސްއޯއެފްއާ މެދު އެއްވެސް ތަހުގީގެއް ހިނގާފައިވޭތޯ ދައުލަތާއި ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލާ ފުރަތަމަ ވިދާޅުވަނީ މި މައްސަލާގައި ދައުވާ އުފުލުނީ ހަމައެކަނި ޔާމީންގެ މައްޗަށް އެކަނި ނޫން ކަމަށެވެ. އޭގެ އިތުރަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާންއާއި، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގުގެ ހެޑް އަބްދުﷲ އާޒިމްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެން ވިދާޅުވުމުން ތަކުރާރުކޮށް ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި ޚިޔާނާތުގެ ފައިސާތޯ ސުވާލު ކުރައްވައިފައެވެ. އަދި އެސްއޯއެފްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގުނުތޯއާއި ދައުވާ ކުރަން ނިންމާފައިވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ދައުލަތުގެ ވަކީލާ ދެން ވިދާޅުވީ އެސްއޯއެފްގެ އެކައުންޓަށް އެއް ބިލިއަން ރުފިޔާ ނުވަތަ 70 މިލިއަން ޑޮލަރު ވަދެފައި އޮތް ކަން ފާހަގަ ކުރެވޭއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ފަހު އެ އެކައުންޓުން ކުރި މުއާމަލާތްތަކީ މީގެ ކުރީގައި ހިންގި މުއާމަލާތްތަކަށް ވުރެ މާ ބޮޑެތި ފައިސާގެ މުއާމަލާތް ކަމަށެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ފެށިގެން އައި އިރު އެސްއޯއެފްގެ އިސް މީހުން ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ އެ ކުންފުނީގެ މައްޗަށް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.
އެހެންވެ އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް