ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެއްނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ޤާއިމުކުރުމު ގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާތީ މި މަސައްކަތް ކުރިއަށްނުދަނީ ކީއްވެތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ސުވާލު އުފެއްދެވި އިރު، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ވެފައިވާ ވައުދެއްކަން ހާމަވެއްޖެއެވެ.
"ދުވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މި ސަރުކާރުގެ އެހެން ބޭފުޅެއް ވެސް އެއްވެސް ދަތުރެއްގައި ނައިފަރަށް ވަޑައިގެން މި ވަދަ ވާހަކައެއް ދައްކަވައި ވައުދެއްވެވަޑައިގެންފައެއް ނުވެއެވެ. އަދި ކުރީ ސަރުކާރުން މި ވައުދު ވެފައިވާކަން ސާފުކޮށް އެނގޭ ޕޯސްޓަރުތަކާއި ޕޯސްޓްތައް މިހާރު ވެސް މީސްމީޑިއާ އިން ފެންނަން ހުރިކަން ފާހަގަކޮށްލަންޖެހެއެވެ.
މި މައްސަލައިގައި މިނިސްޓަރ ވިދާޅުވީ، ރައީސް ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ރެކޯޑިންގ އެބައޮތް ކަމަށެވެ. ނައިފަރުގައި އައިސް ޕްލާންޓެއް ހަދަން ވައުދުވެފައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް ނައިފަރުގެ މަސްވެރިންނަށް ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހެދުމަށް ވައުދުވެ އެފުރުސަތު މިހާރު ފަހިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ފެލިވަރުން މިހާރު ދުވާލެއްގެ މައްޗަށް 1060 ޓަނުގެ އައިސް ލިބޭނެ ކަމަށެވެ. ކުރިން ދުވާލަކަށް ލިބޭނީ 750 ޓަނުގެ އައިސް ކަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް