އަފްގާނިސްތާނުގައި ހިންގާ ސެލޫންތަކުން ހިދުމަތް ދިނުމުގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަމަލު ކުރުމަށް ތޯލިބާން ސަރުކާރުން ލިޔުމުން އަންގައިފި އެވެ.
އަފްގާންގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި ހިންގާ ބޯކޮށާ ތަންތަނާއި ސެލޫންތަކުގެ ދޮރުގައި އަފްގާން ސަރުކާރުގެ ދީނީ ފުލުހުންގެ ޑީޕާޓްމެންޓުން ވަނީ އެ ނޯޓިސް ހަރުކޮށްފަ އެވެ. ނޯޓިސްގައި ވާގޮތުން ތުނބުޅި މަތިމަސް އެއްކޮށް ބޭލުމަކީ މަނާ ކަމެކެވެ. އަދި މާ ތުނިކޮށް ބޯ ކޮށުންވެސް އޮތީ މަނާކޮށްފަ އެވެ.
ބައެއް ސެލޫންތަކުގެ ވެރިން ބުނީ އެމީހުންގެ ސެލޫންތަކަށްވެސް ނޯޓިސް ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ބަސްބުނެ ވާހަކަ ދެއްކުމުގެ އިހުތިޔާރު އެކަކަށްވެސް ލިބިގެން ނުވާ ކަމަށް ނޯޓިސްގައި ބުނެފައިވާ ކަމަށް އެމީހުން ބުންޏެވެ.
ނޯޓިސް ހަރުކުރުމުގެ އިތުރުން ތޯލިބާން ހަނގުރާމަވެރިންގެ އިތުރުން ސަރުކާރު އޮފިޝަލުން ކަމަށް ބުނެ ސެލޫންތަކަށް ގުޅައި އިންޒާރު ދެމުންދާ ކަމަށްވެސް ބައެއް ސެލޫންތަކުގެ ވެރިން ބުނެ އެވެ. އެގޮތުން އެމެރިކާ ނުވަތަ ޔޫރަޕް ސައިޓަށް ބޯކޮށައި ދީގެން ނުވާނެކަމަށް ބުނަމުންދާ ކަމަށްވެ އެވެ.
2001-1996 އަށް ތޯލިބާނުން ވެރިކަން ކުރިއިރުވެސް އަފްގާންގައި ސެލޫންތަކަށް މިފަދަ އެންގުންތަކެއް އަންގައި ފިޔަވަޅުތައް ދިޔައީ އަޅަމުންނެވެ. އެގޮތުން މީހުންގެ ސަމާލުކަން ލިބޭ ގޮތަށް ފިރިހެނުން ބޯކޮށައި ތުނބުޅި ބެހެއްޓުމަކީ ތޯލިބާނު ސަރުކާރުން މަނާކޮށްފައި އޮންނަ ކަމެކެވެ.
ތޯލިބާނުން ވަނީ މިފަހަރު ވެރިކަމަށް އައިސް އެމީހުންގެ ވެރިކަމުގައި ތަފާތު ދައްކާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ތަފާތު ނުފެންނަކަމަށް އެގައުމުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
ތޯލިބާނުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ދެބަފައިން ރަހީނު ކުރި ހަތަރު މީހަކަށް އަދަބު ދިނުމުގެ ގޮތުން ބަޑީޖަހާ މަރާލައި މަގުމަތީގައި ކެރޭނުތަކެއްގައި އެލުވާފަ އެވެ. ތޯލިބާން ސަރުކާރުން ވަނީ އެގައުމުގައި އޮތީ އިސްލާމީ ދައުލަތެއް ކަމަށާއި އެއްވެސް ރައްޔިތަކަށް އަނިޔާވެރިވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް