ނައިފަރުގައި އައިސް ޕާލާންޓެއް ހެދުމަށް ސަރުކާރުން ވައުދެވެފައި ނުވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެއްނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ޤާއިމުކުރުމު ގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާތީ މި މަސައްކަތް ކުރިއަށްނުދަނީ ކީއްވެތޯ އާއި މި މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚަކީ ކޮބައިތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ރެކޯޑިންގ އެބައޮތް ކަމަށެވެ. ނައިފަރުގައި އައިސް ޕްލާންޓެއް ހަދަން ވައުދުވެފައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް ނައިފަރުގެ މަސްވެރިންނަށް ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހެދުމަށް ވައުދުވެ އެފުރުސަތު މިހާރު ފަހިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ފެލިވަރުން މިހާރު ދުވާލެއްގެ މައްޗަށް 1060 ޓަނުގެ އައިސް ލިބޭނެ ކަމަށެވެ. ކުރިން ދުވާލަކަށް ލިބޭނީ 750 ޓަނުގެ އައިސް ކަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް