ޗިސްޗިސް ކޮށްލިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ޔާމީނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ކަމުގައިވިޔަސް އަދި މަގުމައްޗަށް ނިކުމެގެން ކަމުގައިވިޔަސް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފިސް ފިސް ކޮށްލިޔަސް، ޗިސްޗިސް ކޮށްލިޔަސް އެ މަސައްކަތަށް ހުއްޓުމެއް ނެތްކަމަށް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެއާއެކު ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އިދިކޮޅުން އަންނަނީ ސުޕްރީމް ކޯޓުން ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރަމުންނެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި އިތުރަށް ވާހަކަދައްކަމުން އާދަމް ޝަރީފް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުކޮށް ޑިމޮކްރެސީގެ ނިޒާމު ގެނައުމުގައި އެންމެ ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރެއްވީ ވެސް ޔާމީން ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ޕާޓީއެއްގައި ނެތްވަރުގެ ވަރުގަދަ ސިޔާސީ ލީޑަރުން ސަރުކާރު ހިންގާ ކޯލިޝަންގައި އެބަތިބި ކަމަށާއި ނަމަވެސް އެ ސިޔާސީ ލީޑަރުން ލީޑަރުންނަށް ހައްދަވާދެއްވީ ވެސް ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޔާމީނަކީ މިގައުމުގައި ސިޔާސީ ލީޑަރުން އުފެއްދެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"ސިޔާސީ މަސްރަހު ބަދަލުކޮށްލުމުގައި ރައްޔިތުންނާއެކީގައި އެންމެ ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ޔާމީން" އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް