ސާފް ޗެމްޕިއަންޝިޕް 2021: ޓީމް ޕްރޮފައިލް - ނޭޕާލް

ނޭޕާލަކީ ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ނޭޕާލަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތ...

27 Sep 2021 | 05:11

ނޭޕާލަކީ ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ނޭޕާލަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ގޯހެކޭ ދެންނެވޭކަށް ނެތެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގެ ހަތަރު މުބާރާތެއްގެ ސެމީފައިނަލަށް ނޭޕާލް ވަނީ ދަތުރުކޮށްފަ އެވެ.

ނެޕާލް ސެމީއަށް ދަތަުރުކޮށްފައިވަނީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައާއި 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތާއި އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތުގައެވެ.

މިވަގުތު ފީފާ ރޭންކިންގެ 168 ވަނާގައި އޮތް ނޭޕާލް މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި 12 މުބާރާތުގައި ޖުމްލަ 38 މެޗު ކުޅެފައިވާއިރު އޭގެެތެރެއިން 11 މެޗުން ވަނީ މޮޅުވެފައެވެ. އަދި 21 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭސްގައި ބޭއްވުނު މުބާރާތުގައި ނޭޕާލުން ނެރެފައިވާ ނަތީޖާތައް

މި މުބާރާތުގައި ނޭޕާލް ހިމެނުނީ ޕާކިސްތާން، ބަނގްލަދޭސް އަދި ބޫޓާނާއި އެކު ގުރޫޕު އޭގައެވެ. މި ގުރޫޕުގައި އެގައުމުން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗުން ވަނީ މޮޅުވެފައެވެ. މި މުބާރާތުގެ ސެމީއަށް ނޭޕާލް ދަތުރުކުރީ ކުޅުނު ތިންމެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ސެމީގައި ކުޅެ ނޭޕާލް ބަލިވެ މުބާރާތުން ކެޓީ ރާއްޖެއަތުން 0-3 ގެ ނަތީޖާއިން ބަލިވެގެންނެވެ.

މިފަހަރުގެ މުބާރާތައް ނޭޕާލް ތައްޔާރުވަމުން އަންނައިރު، އެ ގައުމުން އަންނަނީ އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެމުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ދެ މެޗެއް މިހާތަނަށް ވަނީ ކުޅެފައެވެ. އެއް މެޗުން 1-1 އިން އެއްވަރުވެފައިވާއިރު، ދެވަނަ މެޗުން 1-2 އިން ނޭޕާލް ވަނީ އިންޑިއާ އަތުން ބަލިވެފައެވެ.

 ކޯޗު

ނޭޕާލް ގައުމީޓީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި އިރުޝާދު ދެމުން އަންނަނީ އަބްދުﷲް އަލް މުތައިރީ ނަމަކަށް ކިޔާ ކުވައިތުގެ ރައްޔިތެކެވެ. އޭނާ އަކީ ކޯޗިން ކެރިއަރުގައި މާ ކާމިޔާބު ކޯޗެއް ނޫނެވެ.

ނޭޕާލުގެ ގައުމީޓީމާއި އޭނާ ހަވާލުވީ ނިމިގެން ދިޔަ އަހަރު ކިރިގިސްތާނުގެ 17 އަހަރުން ދަށުގެ ގައުމީޓީމުގެ ކޯޗެއްގެ މަގާމުގައި ހުރުމަށްފަހު މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. މުތައިރީގެ ކޯޗުކަމުގެ ދަށުން ނޭޕާލް މިހާތަނަށް ނުވަ މެޗެއް ކުޅެފައިވާއިރު، މޮޅު ވެވިފައިވަނީ އެންމެ ދެ މެޗުންނެވެ. ހަތް މެޗުން ވަނީ ބަލިވެފައެވެ.

މުހިންމު ކުޅުންތެރިން

ނޭޕާލުގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ ނޭޕާލްލަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކެޕްޓަން ކަންވެސް ކުރަމުން އަންނަ އުމުރުން 31 އަހަރުގެ ތަޖުރިބާކާރު ގޯލް ކީޕަރު ކިރަން ކުމާރު ޗެމްޔޮން ލިމްބުއާއެވެ. އޭނާ އަކީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ޓީސީ އަށް ކުޅެފައިވަނީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގައެވެ. ކިރަން ކުމާރު ޗެމްޔޮން ލިމްބުއާވަނީ މިހާތަނަށް ނޭޕާގެ ގައުމީޓީމަށް 74 މެޗު ކުޅެދީފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިލް މުބާރާތުގައި ނޭޕާލް ކުޅޭ މެޗުތައް

01 އިކްޓޫބަރ: ނޭޕާލް- ދިވެހިރާއްޖެ (21:00)

04 އޮކްޓޫބަރ: ނޭޕާލް- ސްރީލަންކާ (21:00)

10 އޮކްޓޫބަރ: ނޭޕާލް- އިންޑިއާ (21:00)

13 އޮކްޓޫބަރ: ނޭޕާލް- ބަނގްލަދޭސް (16:00)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް