އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ހުށަހެޅުންތައް ނިމިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި އެމަނިކުފާނު ކަފާލާތުން ދޫކޮށްލުމާ މެދު ގޮތެއް ނިންމޭނެ ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ހާމަކޮށްފިއެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ޑިޕޮސިޓެއްގެ ގޮތުގައި ބެހެއްޓުމުން ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް، ހައްޔަރުގައިވާ މީހާ އަމަލުކުރާނެ ކަމުގެ ޔަގީންކަން އޭނާގެ ފަރާތުން އެހެން މީހަކު ދިނުމުން ބަންދުން ދޫކޮށްލާ ދޫކޮށްލުމެވެ. އެ ފުރުސަތު ގާނޫނު އަސާސީގެ 49 ވަނަ މާއްދާއިންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ ދަށުން ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެކަމަކު އެ އުސޫލުން މީހުން ދޫކުރުމަކީ އާންމުކޮށް ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ.
ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުންތައް އިއްވައި ނިމުނީ ހަތަރު ދުވަހުން ބޭއްވި ފަސް އަޑުއެހުމެއްގައެވެ. ދިގު ފަސް އަޑުއެހުމަކުން އިއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން އެންމެ އަޑުއެހުމެއްގައި ޖަވާބު އަރުވާފައިވެއެވެ. މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފް ކުރާ ފަރާތަށް ދައުލަތަށް ރައްދު ދޭން ފުރުސަތު ދިނެވެ. ދައުލަތަށް ވެސް އަދި ފުރުސަތެއް ދެވޭނެއެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ޔާމީނަށާއި ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އާ ހެކިތައް ހުށަހަޅަން ޔާމީނަށް ފުރުސަތެއް ދެވޭނެ ކަމަށެވެ. މި ހުރިހާ މަރުހަލާއެއް މިއަދުގެ އަޑުއެހުމުގައި ނިންމުމަކީ ޝަރީއަތުގެ އަމާޒެއް ކަން ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. އެ ގޮތަށް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލައި ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ މަރުހަލާގައާއި ހައި ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާއިރު އޭގެ ބައެއް ކަންކަން އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް