ޗެމްޕިއަންސް ލީގު: ސިޓީއާއި ދެކޮޅަށް މެސީއަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު: ޕޮޗެޓީނޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގައި ވަރުގަދަ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. މ...

27 Sep 2021 | 04:30

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގައި ވަރުގަދަ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

މި ފަހަފުތާގައި ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީއިން ތައްޔާރުވަމުން އަންނަ އިރު، އެޓީމުގެ ފަރިތަކުރުންތަކުގައި މެސީ އަންނަނީ ބައިވެރިވަމުންނެވެ. ނަމަވެސް ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަށް މެސީ ފިޓް ވެދާނެ ކަމުގައި ބެލެވުނަސް ކުލަބުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާއާއި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ބުނީ މެސީ ދަނީ ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް ޕާރފޯމް ކުރަމުން ކަމަށާއި އެގޮތުން ސިޓީއާއި ދެކޮޅަށް ކުޅެވިދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ނަމަވެސް އެ މެޗަށް މެސީ ފިޓުވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ނުނިންމާ ކަމަށެވެ.

" މެސީ ދަނީ ކުލަބުގެ ތަމްރީނުތަކުގައި ވަރަށް ރަނގަޅަށް ޕާރފޯމް ކުރަމުން. ސިޓީއާއި ދެކޮޅަށް ކުޅެވިދާނެ ކަމުގެ އުންމީދު ބޮޑު. ނަމަވެސް އަދި އެ މެޗަށް މެސީ ފިޓްވާނެތޯ ނުވަތަ ނޫންތޯ އެނގޭނީ ފަހުން." ޕީއެސްޖީ ކޯޗު ބުންޏެވެ.

ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީ އަނިޔާއަށް ފަހު ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނިކުތީ މިމަހުގެ25 ވަނަ ދުވަހުގައެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފަށާފައި ވަނީ އަނިޔާގައި ކުޑަ ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުރުމަށްފަހުގަ އެވެ.

މި އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ފްރެންޗް ލީގުގައި އެންމެ ފަހުން މެޒްއާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން އެންމެ ފަހުން މޮންޓްޕެލިއާއާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ކުޅެވޭގޮތް ނުވެފައެވެ.

މެސީއަށް އަނިޔާވީ މިދިޔަ ހަފްތާ އާދިއްތަ ދުވަހުގެ ރޭ ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެނާއަށް އަނިޔާވެފައިވަނީ ވާތު ކަކުލަށެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވީ ސްޕެއިންގެ ބާސެލޯނާއިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް