ސްޕެނިޝް ލީގު: ފަޓީގެ އެނބުރި އައުން ރަނގަޅު، ބާސާ މޮޅު ކޮށްދީފި

އަނިޔާގައި ގިނަ ދުވަސަތަކެއް ވަންދެން ހުރުމަށް ފަހު ކުޅުމުގެ ތެރެއަށް އައި ޒުވާން ތަރި އަންސޫ ފަޓީ ޖެހި ލަނޑާއެކު، ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ލެވާންޓޭ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ. އަމިއް...

27 Sep 2021 | 03:59

އަނިޔާގައި ގިނަ ދުވަސަތަކެއް ވަންދެން ހުރުމަށް ފަހު ކުޅުމުގެ ތެރެއަށް އައި ޒުވާން ތަރި އަންސޫ ފަޓީ ޖެހި ލަނޑާއެކު، ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ލެވާންޓޭ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބާސާ މޮޅުވިއިރު، މިއީ މިފަހަރުގެ ލީގުގައި ބާސާއަށް މޮޅެއް ހޯދުނު ދެވަނަ މެޗެވެ. މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ވީއެއްވަރެވެ.

ބާސާގެ ކޯޗު ރޮނާލްޑް ކޫމަން އަށް އެންމެ ފަހުން ލީގުގައި ކަޑިޒްއާއި ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން މި މެޗުގައި އޭނާ ހުރީ ސަސްޕެންސަނުގައެވެ.

ރޭގެ މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. މިއީ އޭރިއާ ތެރެއިން ޑިޕާއިއަށް ލެވާންޓޭގެ ނެމަންޔާ ރަޑޯޔާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ބާސާއިން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ސާޖީނިއޯ ޑެސްޓްގެ އެހީތެރިކަމާއި އެކު ލޫކް ޑި ޔޮންއެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސެވިއްޔާއިން ލޯނު އުސޫލުން ބާސާއަށް ބަދަލުވިފަހުން ޑި ޔޮން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ބާސާއިން ނިންމާލިއިރު، އެޓީމުން މި މެޗުގައި ކާމިޔާބު ކުރި ތިން ވަނަ ލަނޑު ފަހުހާފުގައި ޖަހައިދިނީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި ކުޅުމުތެ ތެރައަށް އައި ޒުވާން ފޯވާޑް އަންސޫ ފަޓީއެވެ. ފަޓީ ރޭގެ މެޗު ފެށީ ބެންޗުންނެވެ. އެގޮތުން ރޭގެ މެޗަށް ފަޓީ ކުޅެން އަރާފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައި ޑީ ޔޮންގްގެ ބަދަލުގައެވެ. އޭނާ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގައެވެ.

ރޭގެ މޮޅާއެކު ބާސާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ ހަވަނާގައެވެ. އެއްވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ލިބިގެން ރެއާލް މެޑްރިޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް