ނަތީޖާ ގަބޫލުކުރެއްވުމަށްފަހު ވެރިކަމުގައި ހުންނަވަން ޔަހްޔާވެސް މަސައްކަތް ކުރެއްވިއެވެ. ވީގޮތް ސާފެވެ.

ޔަހްޔާ ޖަމާ އަކީ ގަމްބިއާގެ ދެވަނަ ރައީސެވެ. 22 ޖުލައި 1994 އިން 21 ޖަނަވަރީ 2017 އާއި ހަމައަށް ވެރިކަމުގައި ހުންނެވިއެވެ. 2016 ވަނަ އަހަރާއި ހަމައަށް ކޮންމެ އިންތިޚާބެއްވެސް ކާމިޔާބު ކުރައްވަމުން ގެނ...

27 Sep 2018 | 01:25

ޔަހްޔާ ޖަމާ އަކީ ގަމްބިއާގެ ދެވަނަ ރައީސެވެ. 22 ޖުލައި 1994 އިން 21 ޖަނަވަރީ 2017 އާއި ހަމައަށް ވެރިކަމުގައި ހުންނެވިއެވެ. 2016 ވަނަ އަހަރާއި ހަމައަށް ކޮންމެ އިންތިޚާބެއްވެސް ކާމިޔާބު ކުރައްވަމުން ގެންދެވީ ފަސޭހަ ކަމާއިއެކުގައެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިތުރު ދެބޭފުޅަކާއި ވާދަކޮށް އިންތިހާބު ނާކާމިޔާބުވިއެވެ. ލިބިވަޑައިގެންނެވީ 39 އިންސައްތައެވެ. ގުޅިފައިވާ އިއްތިހާދަކުން ނެރުނު ކެނޑިޑޭޓް އަޑަމާ ބަރޯ، އިންތިޚާބު ކާމިޔާބު ކުރެއްވީ 43 އިންސައްތައިންނެވެ.

01 ޑިސެމްބަރު 2016ގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ޔަހްޔާ ގަބޫލުފުޅުކުރައްވައި މުޅި ގައުމަށް އެކަން އިއުލާނު ކުރެއްވިއެވެ. ނަމަވެސް 09 ޑިސެމްބަރުގައި ނަތީޖާއާއި ދެކޮޅު ހައްދަވައި ނަތީޖާ ބާތިލުކުރެއްވިކަން އިއުލާނުކުރެއްވިއެވެ. އަދި އައު އިންތިޚާބަކަށް ގޮވާލައި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދިއެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުންތައް 21 ޑިސެމްބަރުގައި ފެށިއިރު، ގަމްބިއާގެ އަވަށްޓެރި 15 ގައުމެއްގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އެކޯވާސް) އިން 23 ޑިސެމްބަރުގައި ޔަހްޔާއަށް އިންޒާރެއް ދިނެވެ. އެއީ 19 ޖަނަވަރީ 2017ގެ ކުރިން މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ އެކޯވާސް ގައުމުތަކުގެ ސިފައިން އެ ގައުމަށް އަރާ ހަމައާއި އިންސާފު ގާއިމް ކުރާނެކަމުގެ އިންޒާރެވެ.

ނަމަވެސް ޔަހްޔާ ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރެއް ފިޔަވައި ދެން ތިބި ފަސް ފަނޑިޔާރުން ބަދަލުކުރެއްވިއެވެ. ސުޕްރީމް ކޯޓުން 10 ޖަނަވަރީގައި ގޮތެއް ނިންމާން އޮތް އޮތުން މެއި މަހާއި ހަމައަށް ދިގުދަންމާލަން ނިންމިއެވެ. ޔަހްޔާ ވިދާޅުވަމުން ގެންދެވީ ސުޕްރީމް ކޯޓުން އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފިނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.

މުންތަޚަބް ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ސުޕްރީމް ކޯޓު މެދުވެރިކޮށް ހުއްޓުވަންވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެކަމަށް ސުޕްރީމް ކޯޓުން އެއްބާރުލުން ޔަހްޔާއަށް ނުލިބުނެވެ.

އެއާއެކު އެ ގައުމުގައި 90 ދުވަހަށް ދެމިގެންދާގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު ޔަހްޔާ އިއުލާނުކުރެއްވިއެވެ. އެއީ 17 ޖަނަވަރީގައެވެ. އެކޯވާއިން ދެވަނަ އިންޒާރެއް ދިނުމަށްފަހު ބުނެފައިވަނީ 19 ޖަނަވަރީ އަކީ ޔަހްޔާއަށް ދެވޭނެ އެންމެ ފަހުގެ ތާރީހް ކަމަށެވެ. ނޫންނަމަ ގައުމުތަކުން އަރައިގަންނާނެ ކަމަށެވެ.

18 ޖަނަވަރީގެ ދަންވަރާއި ހަމައަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށް އެކޯވާއިން ތިންވަނަ އިންޒާރެއް ދިނެވެ. ނަމަވެސް އެ އިންޒާރަށްވެސް ޔަހްޔާ ދެއްވީ ބީރު ކަންފަތެކެވެ. އަދި 18 ޖަނަވަރީގައި މަޖިލީހުގައި ވޯޓެއް ނަގައި ރިޔާސީ ދައުރު އިތުރު ތިން މަސް ދުވަހަށް ދަންމާލިއެވެ.

19 ޖަނަވަރީގައި ސެނެގާލްގެ ފައުޖުތައް ގަމްބިއާއަށް ވަދެގަތެވެ. އދގެ ސެކިއުރިޓީ ކައުންސިލްގެ އެއްބާރުލުމާވެސް އެކުގައެވެ. ނަމަވެސް ފަހު ފުރުސަތެއް ޔަހްޔާއަށް ދިނުމަށްޓަކައި ސެނެގާލްގެ ފައުޖުތައް އޮޕަރޭޝަން މެދުކަނޑާލިއެވެ.

އާޚިރު ނަތީޖާއަކަށް ވެގެންދިޔައީ 21 ޖަނަވަރީގައި ގައުމީ ޓީވީ މެދުވެރިކުރައްވައި ބަލި ގަބޫލުކުރައްވާކަން ޔަހްޔާ އިއުލާނު ކުރެއްވުމެވެ. ހަމަ އެދުވަހު ޔަހްޔާ ގައުމު ދޫކުރައްވައި ގިނީއަށް ވަޑައިގެންނެވިއެވެ.

ސިޔާސީ މަސްރަހުން އިވޭ އަޑުތަކަށް ބަލާއިރު ރާއްޖެއިންވެސް މިއަދު ފެންނާން މިއުޅެނީ މިފަދަ މަންޒަރެއްކަމުގައި ސިފަވެއެވެ. 23 ސެޕްޓެމްބަރުވީ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލީޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ބޮޑުތަކުން ކާމިޔާބު ކުރައްވާފައިވާއިރު ޖެހިގެން އައި ދުވަހު ރައީސް ޔާމީން ވަނީ އެ ނަތީޖާ ގަބޫލުފުޅުކުރައްވައި ގައުމަށް އެކަން އިއުލާނު ކުރައްވާފައެވެ.

ނަމަވެސް އިއްޔެ އިވިގެން ދިޔަ އަޑުތަކަކީ ނަތީޖާ ގަބޫލުނުކުރައްވާ ކޯޓާއި ބާރުތައް ބޭނުންކުރައްވައިގެން ރައީސް ޔާމީން ވެރިކަމުގައި ހުންނަވަން މަސައްކަތްކުރައްވަމުން އަންނަ ކަމުގެ ވާހަކައެވެ. އެވާހަކަތަކުގެ އަޑު ގަދަވެ ސަލާމަތީ ބާރުތަކުން އެ ބާރުތަކުގެ ސްޓޭންޑް މިކަމުގައި ހާމަކޮށްފައިވީނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެކަމާއި މެދު އެއްވެސް އެއްޗެއް އަދި ވިދާޅެއްނުވެއެވެ. ތަރުޖަމާނު މެދުވެރިކޮށް ޓްވީޓެއްވެސް ކުރައްވާފައެއްނުވެއެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށްފަހުވެސް ވެރިކަމުގައި ހުންނަވަން ޔަހްޔާވެސް މަސައްކަތްޕުޅު ކުރެއްވީ ހުރިހާ ބާރަކާއިއެކުގައެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައާއި އެގައުމުގެ ރައްޔިތުން އެކަމަށް ރުހިގެން ތިބޭކަށް ބޭނުމެއް ނުވިއެވެ. ޔަހްޔާގެ ވެރިކަން ނިމިދިޔަގޮތް އިބްރަތަކަށް ނުފުދޭތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް