އިރާގުގެ ކުރުދީން ވަކި މިނިވަން ދައުލަތެއް އިއުލާނު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު އަދި ބޮޑު އަގުލަބިއްޔަތަކުން އެ ވޯޓުގައި ފެންނަ ކަމަށް ކުރުދީން ވޯޓު ދީފައިވާއިރު ކުރުދީންނާއި ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ ކުރުދީން ބަނޑަށް ޖެހޭނެ ކަމަށް ތުރުކީގެ ރައީސް ތައްޔިޕް އުރުދުޢާން ވިދާޅުވެއްޖެ އެވެ.
އުރުދުޢާން ވިދާޅުވެފައިވަނީ އިރާގުގެ ދެކުނުން ތެޔޮ ހޮޅިތައް އެހެން ގައުމުތަކަށް ގެންގޮސްފައިވަނީ ތުރުކީ މަގުން ކަމުގައިވާއިރު ކުރުދީންނާއި މެދު ފިޔަވަޅު އެޅުމާއިމެދު ގޮތެއް ނިންމުން އޮތީ ކައިރީގައި ކަމަށެވެ. އަދި ފިޔަވަޅު އަޅައިފިނަމަ ބަނޑަށް ޖެހޭނެ ކަމަށެވެ.
"ތެޔޮ ހޮޅިތައް ބަންދުކޮށްލައިފިނަމަ އެމީހުންގެ އާމްދަނީ ގެއްލޭނެ، އަހަރެމެންގެ ލޮރީތައް އިރާގުގެ އުތުރަށް ނުދާނަމަ އެމީހުންނަށް ކާބޯތަކެތިވެސް ނުލިބޭނެ" އުރުދުޢާން ވިދާޅުވެފައި ވެ އެވެ.
އެ ވޯޓު ނަގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގަ އެވެ. ވޯޓު ނެގުމުގެ ކުރީންވެސް އުރުދުޢާން ވަނީ އިންޒާރު ދެއްވާފަ އެވެ. ކުރިން އުރުދުޢާން ވިދާޅުވެފައިވަނީ އެ ވޯޓަކީ އިރާގު އިތުރަށް ބައިބައިވެގެންދާނެ ވޯޓެއް ކަމަށާއި ސަރަހައްދުގެ ހަމަޖެހުން ތުރުކީއަށް ވަރަށް މުހިންމު ކަމަށެވެ. އަދި ވޯޓު ނަގައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް