ސައުދީ އަރަބިއްޔާގައި ކަނބަލުން ވެހިކަލް ދުއްވުން މަނާކޮށްފައި އޮންނަތާ އެތައް އަހަރަކަށްފަހު އަލުން އެ ހުއްދަ ކަނބަލުންނަށް ދެއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީލް އަލް ސައުދު އަމުރު ކުރައްވައިފި އެވެ.
ސައުދީ ރަސްގެފާނު އަމުރު ކުރައްވާފައިވަނީ އަންނަ އަހަރު ޖޫން މަހާއި ހަމައަށް، މިކަމަށްޓަކައި ފުރިހަމަކުރާންޖެހޭ އެންމެހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށްފަހު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން، ފިރިހެނުންނެކޭ އެއްގޮތަށް ކަނބަލުންނަށްވެސް ލައިސަންސް ދިނުމަށެވެ.
މިކަމަށް ސައުދީ ރަސްގެފާނު އަމުރުކުރައްވާފައިވާއިރު މިކަމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށްވެސް ސައުދީ ރަސްގެފާނު ވަނީ އަމުރުކުރައްވައިފަ އެވެ.
ސައުދީ ރަސްގެފާނުގެ މި އަމުރާއެކު ސައުދީ ޝޯރާ ކައުންސިލްގެ އަންހެން މެމްބަރެއް ކަމުގައިވާ ލަތީފާ ޝާލަން ބުނެފައިވަނީ ރަސްގެފާނުގެ މި ނިންމުމަކީ ސައުދީ ކަނބަލުންނަށް ލިބުނު ނަސްރެއް ކަމަށާއި މިކަމަށް ސައުދީ ކަނބަލުން އިންތިޒާރު ކުރަމުން އަންނަތާ އަދި މިކަމަށްއެދި މަސައްކަތް ކުރަމުން އަންނަތާ އެތައް އެތައް އަހަރެއް ވެފައިވާކަމަށެވެ.
އިގްތިސޯދީ ގޮތުން ސައުދީއަށް ފައިދާ ކުރާނެ
މި އަމުރާއެކު ގިނަ ބަޔަކު ބުނަމުން އަންނަނީ މި ނިންމުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އިގްތިސޯދަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އެގޮތުން ސައުދީގައި ގިނަ އާއިލާތަކުން އެ އާއިލާތަކުގެ ކަނބަލުން ދަތުރުތައް ކުރުމަށް ޑްރައިވަރުން ގެންގުޅޭއިރު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކަނބަލުންގެ ދަތުރުތައް ކުރުމުގައި ޑްރައިވަރުކަމުގެ ވަޒީފާގައި އެކަނިވެސް ސައުދީގައި އަށް ލައްކައަށްވުރެ ގިނަ މީހުން އުޅެ އެވެ. އަދި އާދައިގެ އާއިލާތަކަށް ޑްރައިވަރަކަށް ކޮންމެ މަހަކު މުސާރަ ދިނުމަކީ ނުކުޅަދާނަ ކަމަކަށްވާއިރު ސައުދީ ރަސްގެފާނުގެ މި އަމުރާއެކު އާދައިގެ އާއިލާތަކަށްވެސް އުފާވެރިކަން ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް