ބުރާސްފަތި ދުވަހު މިނާގައި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރެވެން ޖެހޭ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ރޫހާނީ މިހެން ވިދާޅުވީ އދގެ ޖެނެރަލް އެސެމްބްލީގައި އިއްޔެ ތަގުރީރު ކުރައްވަމުންނެވެ.
ހައްޖާޖީން ފިތިގެން ހިނގި ހާދިސާގައި 769 ހައްޖާޖީން ނިޔާވެފައިވާއިރު އޭގެ ތެރެއިން 130 ހައްޖާޖީންނަކީ އީރާނުގެ ރައްޔިތުންނެވެ.
މި ހާދިސާ ހިނގުމުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް އީރާނުން މުޒާހަރާއެއް ބާއްވާފައިވާއިރު ހާދިސާ ހިނގަން މެދުވެރިވީ އީރާނުގެ ހައްޖާޖީންތަކެއް ކަނޑައެޅިފައިވާ އުސޫލަށް ތަބާ ނުވުމުން ކަމަށް ސައުދީ އޮފިޝަލުން އެކި މީޑިއާތަކުގައި ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
ތަގުރީރު ކުރައްވަމުން ރޫހާނީ ވިދާޅުވީ އެ ހާދިސާއަކީ ހިތްދަތި ހާދިސާއެއް ކަމަށާއި ފުރިހަމަ ތަހުގީގެއް ކުރެވެން ޖެހޭ ކަމަށެވެ.
ރޫހާނީ މިހެން ވިދާޅުވުމުން ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އާދިލް އަލް-ޖުބައިރު ވިދާޅުވީ މިފަދަ ކަމެއްގައި ކަން ސިޔާސީ ކުރަން އިރާނުން މަސައްކަތް ކުރާއިރު ހައްޖާޖީންތަކެއް ނިޔާވެ ގޮސްފައިވަނީ އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަން އަދާކުރުމުގައިކަން އީރާނުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް