އައްޑޫ ސިޓީއިން ފުރައިގެން މާލެ ދަތުރު ކުރަމުންދަނިކޮށް ފަރަށްއެރި ބޯޓެއްގައި ތިބި މީހުން ސަލާމަތްކޮށް ގއ ކޮނޑޭއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ސްޕީޑް" ނަމަކަށްކިޔާ ބޯޓެއް ގއ. އަދަހަމާގަލާ ކިޔާ ފަރަށް އެރުމާ ގުޅިގެން އެބޯޓުން ދަތުރު ކުރި މީހުން ސަލާމަތް ކުރުމުގައި އަދި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާ މިވަގުތު ވިލިނިގިލީގައި މަސައްކަތް ކުރަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ގެ ފުލުހުންގެ އިތުރުން ޕާކް ހަޔަޓް ހަދަހަ މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުން ދަނީ ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ރޭ ފަތިހު 04:40 ހާއިރު ބޯޓު ފަރަށް އެރިކަމުގެ މަޢުލޫމާތު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ފުލުހުން ވަނީ ބޯޓު ކައިރިއަށްގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައި، މިގޮތުން އެވަގުތު ބޯޓުގައި އިން އަންހެނަކާ ދެ ކުދިންގެ އިތުރުން ދެ ބިދޭސީންނާ އިތުރު ދެ ދިވެހިން ފުލުހުންގެ ލޯންޗުގައި ރައްކާތެރިކަމާއެކު ވަނީ ގއ. ކޮނޑޭ އަށް ގެންގޮސްފައި" ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ބޯޓުން ދަތުރުކުރީ 10 ފަޅުވެރިންނާ ދެ ބީދޭސީންނާ ފަސް ދިވެހިން ކަމަށެވެ. އަދި އޭގެތެރޭގައި އަންހެނަކާ ކުޑަ ދެ ކުދިން ހިމެނޭ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި ބޯޓު ފުންކުރުމުގެ މަސައްކަތް ބޯޓުގެ ފަޅުވެރިންނާ އެހެނިހެން ފަރާތްތަކާއެކު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް