މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށްދިޔައިރު މިނާގައި ފިތިގެން އެތައް ސަތޭކަ ހައްޖާޖީއަކު ނިޔާވި ހާދިސާ ހިނގަން މެދުވެރިވީ އީރާނުގެ ބައެއް ހައްޖާޖީން ގަވާއިދަށް ބޯ ނުލެނބުމުން ކަމަށް ސައުދީގެ އޮފިޝަލަކު ވިދާލުވެއްޖެ އެވެ.
ނަން ނުޖެހުމަށް އެދި އަރަބި ނޫހެއް ކަމަށްވާ އަޝާރޤް އަލް-އަވްސަތު ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ސައުދީ އޮފިޝަލަކު ވިދާޅުވީ އެހާދިސާ ހިނގަން މެދުވެރިވީ ގްރޫޕްތައް ދަތުރުކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި އީރާނުގެ ބައެއް ހައްޖުވެރިން އެ އުސޫލުތަކަށް ބޯ ނުލެނބުމުން ކަމަށެވެ.
"މުޒްދަލިފާއިން ސީދާ ޖަމްރައަތަށް ހިލަ އުކަން ދިއުމުގެ ބަދަލުގައި ޓެންޓުތަކަށް ގޮސް އަރާމު ކުރުމަށް އެ ގްރޫޕަށް އެންގުނު، އޭރު އެމީހުންގެ ކޮނޑުގައި ދަބަސްތައް ވެސް ހުރި، ޖަމްރައަތަށް ހިލައުކަން އެ ގްރޫޕަށް ދާން ޖެހުމުން އެކަން އެ ގްރޫޕްގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް އެންގި، ނަމަވެސް އެމީހުން މުޒްދަލިފާއިން ސީދާ ދިޔައީ ޖަމްރައަތަށް ހިލަ އުކަން" ސައުދީ އޮފިޝަލާ ހަވާލާދީ އަޝާޤް އަލް-އަސްވަތު ނޫހުގައި ބުނެފައި ވެ އެވެ.
މީގެ އިތުރަށް ޖަމްރައަތަށް ހިލައުކާ ނިންމާލުމަށްފަހު އިރާނުގެ އެ ގްރޫޕުނު އަނބުރާ ޓެންޓުތަކަށް ދާން ދިމާކުރީ 204 ނަމްބަރު މަގުން އެހެން ހައްޖާޖީންނާ ދިމާ އިދިކޮޅަށް ކަމުގައިވެސް ސައުދީ އޮފިޝަލް ވިދާޅުވެފައި ވެ އެވެ. 204 ނަމްބަރު މަގަކީ އެ ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި މަގެވެ.
ޖަމްރައަތަށް ދިއުމަށް ހަދާފައިވާ މަގުތަކުގައި ސެކިއުރިޓީ ކެމެރާތައް ހަރުކޮށްފައިވާއިރު ރެކޯޑިން ބަލާލުމުން އީރާނުގެ އެ ގްރޫޕުން އަމަލު ކުރި ގޮތް ސާފުކޮށް އެނގިގެން ދާނެ ކަމަށްވެސް ސައުދީ އޮފިޝަލް ވިދާޅުވެފައި ވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ނިޔާވި ހައްޖާޖީންގެ އަދަދު މިހާރު ވަނީ 769 އަށް އަރާފަ އެވެ. ޒަހަމްވި ހައްޖާޖީންގެ އަދަދު އުޅެނީ 934 ގަ އެވެ. އެ ހާދިސާގައި އީރާނަށް ނިސްބަތްވާ 131 ހައްޖާޖިއަކު ނިޔާވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް