ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ (ޑީ.އެމް.އާރް.އާރް) މުޅިން އައު އޮފީސް/ރިސޯޓް – 5K ޓީމް އިވެންޓް ކެޓަގަރީއެއް ވަނީ މިއަހަރު ތައާރަފްކޮށްފައެވެ. މި އައު ކެޓަގަރީ ތައާރަފް ކުރުމުގެ މަގްސަދަކީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އަލަށް ތައާރަފްކުރި އޮފީސް/ރިސޯޓް ކެޓަގަރީއާ އެކު އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް 4 މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށްވެސް ޑީ.އެމް.އާރް.އާރް 2024 ގައި ރަޖިސްޓްރީވެވޭނެއެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމްތައް އެކުލަވާލާ، ރަޖިސްޓަރކުރެވޭނެއެވެ.
ޓީމެއްގެ ގޮތުގައި ރަޖިސްޓަރ ކުރާ އިރު ކޮންމެ މެމްބަރެއްގެ ރަޖިސްޓްރޭޝަން ފީއަކީ 250 ރުފިޔާއެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށް އަދި ޑީ.އެމް.އާރް.އާރް 2024 އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް www.dmrr.mv
އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފައެވެ. އަދި ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެއެވެ. މި ކެޓެގަރީގެ އިނާމުތަކަކީ:
- ޗެމްޕިއަން ޓީމް: 10،000 ރުފިޔާ
- ރަނަރަޕް ޓީމް: 8،000 ރުފިޔާ
- ދެވަނަ ރަނަރަޕް ޓީމް: 6000 ރުފިޔާ
ޓީމްތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް ދުވެވޭނެއެވެ. މި ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް މި ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
ޑީ.އެމް.އާރް.އާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަންއެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީ.އެމް.އާރް.އާރް 2024 އަކީވެސް ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް