ކޯން ފްލޭކްސް ޕެކެޓެއްގައި ބަންދުކޮށްގެން ރާއްޖެއިން ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ބިދޭސީ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 32 އަހަރުގެ ޝަހްމިން އިސްލާމް ޝަގުރް އެވެ.
އާދީއްތަ ދުވަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކް) އިން ބުނެފައިވަނީ އެ ދުވަހު ޔޫއެސް ބަންގްލާ އެއާލައިންސް (BS338) އިން މާލެއިން ޑާކާއަށް ދަތުރުކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުގައި ފޮރުވައިގެން ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 (އަށްޑިހަ އެއްހާސް ތިރީސް) ޑޮލަރު އަތުލައިގަނެވުނު ކަމަށެވެ.
"އެ ފަސިންޖަރު ވަނީ ކަމާބެހޭ ފަރާތަކާ ހަވާލުކުރެވިފައި" އާދީއްތަ ދުވަހު އެވްސެކް އިން ބުނެފައިވެއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ ޑޮލަރު ތަކަކާއެކު އޯގަސްޓް 25 ވަނަ ދުވަހު އެއާޕޯޓުން ހިފެހެއްޓި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް