ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި ފެހިކުލަ ބޭނުން ކުރުން ހުއްޓުވުމަށް އަދާލަތު ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮވާލުމާ ގުޅިގެން، އެމީހަކު ލާނެ ކުލައެއްގެ އެއްޗެއް ލުމުގެ އިހްތިޔާރު އެމީހަކަށް އޮންނާނެ ކަމަށް އީސީއިން ބުނެފިއެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސްޕަރސަން އަލީ ނަޒީރު ކުރއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. މުއިއްޒުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމަކީ އިންތިޚާބާ ބެހޭ އާންމު ޤާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ދުވަސް"އަށް ވިދާޅުވީ، މައްސަލައެއް އޮތް ނަމަ ސޯޝަލްމީޑިޔާގައި ޖެހުމުގެ ބަދަލުގައި ޕާޓީތަކުން އެކަން ރަސްމީކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"އެހެން ދެން ޓުވިޓަރއިން، ސޯޝަލް މީޑިޔާގައެއް ނޫން ގޮވާނީ، ދެއްތޯ. ކަންކަމުގަ އިލެކްޝަންއާ ގުޅިގެން އެބަހުރި ޝަކުވާގެ ނިޒާމު ގާއިމު ކޮށްފަ. އެހެންވީމަ އެ ނިޒާމުގެ ތެރެއިން އަދި އަޅުގަނޑަށް ޗެކް ކުރެވިފައެއް ނެތް އެކަހަލަ މައްސަލައެއް އައިކަމެއް" ހަބީބު ވިދާޅުވިއެވެ.
ވަކި ކުލައެއްގެ އެއްޗެއް ލުމަކީ މައްސަލައެއްތޯ ސުވާލު ކުރުމުން ހަބީބު ވިދާޅުވީ ވަކި ކުލައެއްގެ ޓީޝާޓެއް ބޭނުން ކުރުމަކީ އަނެއްހެން މައްސަލައަކަށް ނުވާނެ ކަމަށެވެ. އަދި އެމީހަކު ލާނެ ކުލައެއްގެ އެއްޗެއް ލުމުގެ އިހްތިޔާރު އެމީހަކަށް އޮންނާނެ ކަމަށެވެ.
އެފަދަ މައްސަލައެއް އޮތް ނަމަ ކޮމިޝަނުން ބަލަންޖެހޭ ގޮތަކަށް ބަލާނެ ކަމަށާއި ނަމަވެސް ވަކި ކުލައެއްގެ އެއްޗެއް ލުމަކީ އެއްވެސް ގާނޫނަކުން މަނާ ކުރެވޭނެ ކަމެއް ނޫން ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި މީހަކަށް މަރުހަބާ ކިޔަން ދާ ބަޔަކު، ވަކި ކުލައެއްގެ އެއްޗެއް ލުމުގެ ސަބަބުން އެމީހަކު ކުށްވެރި ވެދާނެކަމަށް ދެކިނުލައްވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ސަބަބީ އެމީހަކު ލާނެ ކުލައެއް އިހުތިޔާރު ކުރުމަކީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމަކަށް ވާތީ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕާޓީއަކުން ކަމަކާ ގުޅިގެން ޝަކުވާގެ ނިޒާމުގެ ތެރެއިން ޝަކުވާއެއް ހުށަހަޅައިފިނަމަ އެ ޝަކުވާއެއް ކޮމިޝަނުން ބަލާނެ ކަމަށް ހަބީބު ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް