ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި ދަމާފައިވާތީ އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ އިން އެންގުމާ ގުޅިގެން، 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ އެކަމަށް ރައްދު ދެއްވައިފިއެވެ.
މިއަދު އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ކަދުރު ރުއްތައް ގަނެފައި އެހެރީ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ކަމުގައިވާ ދިމްޔާތުން ލިބޭ ކުއްޔަކުން ނޫން ކަމަށެވެ.
މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭން ބެނަރާ ކެމްޕޭން ދިދަ ތަކަކީ އެމްޑީޕީގެ އާއްމު އެތައް މެމްބަރުންނެއް ނުކުމެ ހަރުކުރާ އެއްޗެއް ކަމަށެވެ. އެއީ އެއްޑީޕީއިން ބުނެގެން ދަމާ އެއްޗެއް ނޫން ކަމަށާއި، ޕާޓީގެ އާއްމު މެމްބަރުންގެ ހިތުގައި ޕާޓީއަށް އޮތް ލޯބީގެ ސަބަބުން ހަރުކުރާ އެއްޗެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އެހެން ނޫނަސް އެ ކަދުރު ރުއްތައްވެސް ކޮންމެވެސް އެއްޗަކަށް ބޭނުންކުރާނެ ނޫންތޯ. ބޮޑުއަގުދީފަ ގެންނަވާފަ އެހެރީ ދިމްޔާތުން ލިބޭ ކުއްޔަކަށް ނޫނޭ، މާލޭ ރައްޔިތުންގެ ފައިސާއިން ބައްލަވައިގެންފަ ހުރި އެއްޗެހި ކަމަށްވަންޏާ. އެއީ މިލާފަ ހުރި ރުއްތަކެއް، އެއަށް ހިފީމަ އަދިވެސް އެއަށް ނުހިފާށޭ ކިޔައިގެން އެ ބެނަރު ހިފައިގެން ރުއްތައް މިލީކަމަށް ހަދަން އުޅުނަސް މާލޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ބޮޑު ހަރަދު ކޮށްގެން އަތިރތިމަތީގައާއި ގޮނޑުދޮށުގައި ކަދުރު ރުއްތައް އިންދިނަމަވެސް އެ ނުހެދޭނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލާއި މޭޔަރު ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރުއްތައް މިލާފައިވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ، އެ ރުއްތަކުން ކޮންމެވެސް ބޭނުމެއް ކުރެވޭތީ މާލޭ ރައްޔިތަކަށްވެ ހުރެ ވަރަށް އުފާވާ ކަމަށެވެ. އަދި މަގުތައް ހަލާކުރުން ހޮޅި ނުޖަހާ، މިލާފަ ހުރި ރުއްތަކުގައި ބެނާ ހަރުކުރުމުން އެކަމުގައި އޮތް މައްސަލައަކީ ކޮބައިތޯ މާރިޔާ ސުވާލު ކުރެއްވިއެވެ.
"އޭނަ (މުއިއްޒު) އަތުގަ އޮތީ މާލޭ ސިޓީ ކައުންސިލް. އޭނަގެ އަމިއްލަ މައިންބަފައިންގެ މުދާ ގޮތުގަ އެ އަންގަނީ (ނަގަން) އެހެން ބައެއްގެ ކެމްޕޭނެއް ކުރަން ވެގެން ބެނަރެއް ހިފާލީމަ. މިލާފަ ހުރި ރުކަކަށްވެސް އޭނަގެ އަމިއްލަ އެއްޗެއްހެން ނޫނެކޭ، އެހެން ބައެއްގެ އެއްޗެއް އެގޮތަށް ހިފާވެސް ނުލެވޭނޭ (ވިދާޅުވަނީ)" މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ އަމިއްލަ ގެކޮޅުގައިވެސް ފިޔާތޮށި ބެނާ ދަމަން ދިދަ ހިފާފައި ވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެ ނަގަން ވިދާޅުނުވާ ކަމަށެވެ.
ކަދުރު ރުއްތަކުގައި ބެނާ ހަރުކުރާ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، ބައެއް ޕާރޓީތަކުން މިހާރުވެސް ބެނަރތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން އެ ރުއްތަކަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެގޮތުން ކެމްޕެއިންގެ އެއްވެސް ބެނަރ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށާއި އަދި އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަގައިގެން ހޮޅިދަނޑީގައި ބެނަރ އަދި ދިދަފަތި ދެމުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް