ބިންވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން މާލޭ މީހުންނަށް ދޫކުރާ ގޯތީގެ ބިން ކަނޑާ ރަޖިސްޓްރީ ކުރުން މިއަދު ހަވީރު އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންރާސްޓްރަކްޗާއިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ގެ ރިޔާސީ ވައުދާފުޅާ އެއްގޮތަށް ބިން ކަނޑާ ރަޖިސްޓަރީ ދޫކުރަން މިއަދު ހަވީރު 4:00 ގައި ފަށާނެ ކަމަށެވެ.
" މަސައްކަތް ނިމެންދެން މިއަދުން ފެށިގެން ކޮންމެ ދުވަހަކު މި މަސައްކަތް ކުރިޔަށް ދާނެ" އަކްރަމްކަމާލުއްދީން ވިދާޅުވިއެވެ.
ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކުން ނުވަތަ މިނިސްޓްރިއަކުން ދެވޭ ގޮތަށް ގަވާއިދުވެސް ވަނީ މިހާރު ބަދަލުކޮށްފިއެވެ.
ސަރުކާރުން ވަނީ “ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދު”ގެ ދެވަނަ އިސްލާހު އާއްމުކޮށްފައެވެ.
އެ ގަވާއިދުގައި ވާގޮތުން، ބިމުގެ ރަޖިސްޓްރީ ދޫކުރެވޭނީ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ ބިންތަކުގެ ރަޖިސްޓްރީގެ ކަންތައް އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކަށެވެ. ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން، ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާ އަކުންނެވެ.
ގަވާއިދުގައި ވާގޮތުން، ނުހިއްކާ އޮތް ތަނަކުން ނުވަތަ އިން ނުކަނޑާ އޮތް ތަނަކުންވެސް ގޯތި ދޫކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ގޯތީގެ ރަޖިސްޓްރީ ދޫކުރާއިރު ގޯތީގެ ބޮޑުމިނާއި ގޯތި ދޫކުރި ތަން ހިމަނާކަށް ނުޖެހެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު އެ ފަރާތްތަކުގެ ގުރުއަތު ވަނީ ނަގާ ނިންމާފައެވެ.
ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް