ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ

ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވައިފިއެވެ. މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގ...

27 Aug 2023 | 08:17

ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވައިފިއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އިބޫއަސްލަމް'ގެ ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވީ، އެމްއެންޔޫ ބަހުސްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެއީ އިލްމީ ބަހުސްއެއް ހިނގާނެ ތަނެއް ކަމަށެވެ.

ނަމަވެސް ސަންގު ޓީވީއިން އިންތިޒާމުކޮށްގެން ބާއްވާ ބަހުސްގައި ރައީސް ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް މާރިޔާ އިޝާރާތް ކުރެއްވިއެވެ.

"އެކަމަކު މީޑީޔާތަކަށް އަރާ އިސްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލު ކުރައްވާ ކަމެއް ނޫން" މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ ބަހުސްއަށް ރައީސް ސޯލިހު ނާރުއްވާނެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ރަށްރަށުން ރައީސްއަށް ލިބޭ ތާއީދު ފެނި، އެކަން ހަޖަމު ނުވާތީ ކަމަށް މީގެކުރިން މާރިޔާ ވިދާޅުވެފައި ވެއެވެ.

ރިޔާސީ ބަހުސްއަށް ރައީސް އަރާވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި މާރިޔާ އޭރު ވިދާޅުވީ، ރައީސް ސޯލިހުގެ ކެމްޕޭން ކުރިއަށް ގެންދަނީ އިދކޮޅުން ކިޔާ އެއްޗަކަށް ބަލައިގެން ނޫން ކަމަށެވެ.

ރައީސް ކުރައްވާ ކަންތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ، މުހައްމަދު މުއިއްޒު ކޮޕީ ކުރެއްވިނަމަވެސް ރައީސް އެގޮތަށް އަމަލު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުއިއްޒު ކަންތައް ކުރައްވާ ގޮތާއި ރައީސް ސޯލިހު އަމަލު ކުރައްވާ ގޮތް ވަރަށް ތަފާތު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ކަން ކުރައްވާނެ ގޮތަކީ، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅު ދައްކަވައިގެން ރައްޔިތުން ބޭނުންވާ ކަންކަން އެމީހުންނަށް ކޭޓާ ކޮށްދީގެން ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުވެސް ކަން ކުރައްވާފަ ހުންނާނީ އެފަދައިން ކަމަށެވެ.

މާރިޔާ ވިދާޅުވީ ބަހުސް އަކަށް އެރުމަށްވުރެ ރައްޔިތުން ގާތަށް ގޮސް ވާހަކަ ދެއްކުން މާ ރަނގަޅު ކަމަށެވެ.

“އެ އުޅުއްވަނީ ކަންބޮޑުފުޅުވެގެން. ކަންބޮޑުފުޅު ވަނީ ރަށްރަށަށް އެރުއްވީމަ ރައީސް ސޯލިހަށް އެ އޮންނަ ތާއީދު ފެންނާތީ. ޓީވީތަކުންވެސް ދައްކާތީ. ސްޓޫޑިއޯއެއްގަ ސްޓޭންޑެއްގަ ހުރީމަ ވާނެ ގޮތަކީ އެއްކަލަ ވަގުތު ކޮޅުވެސް އެކަމަށް ހުސްކޮށްލެވޭނެތާ މީހަކު ނުފެންނަ ހިސާބުގަ.” މާރިޔާ ވިދާޅުވިއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް