ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި ފެހިކުލަ ބޭނުން ކުރުން ހުއްޓުވުމަށް އަދާލަތު ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮވާލައިފިއެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސްޕަރސަން އަލީ ނަޒީރު ވިދާޅުވީ، ޑރ. މުއިއްޒުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމަކީ އިންތިޚާބާ ބެހޭ އާންމު ޤާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނަށް ޑރ. މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑާއިގެންނެވި އިރު މަރުހަބާ ދެންނެވުމަށް ސަފުގައި ތިބި ބަޔަކު ފެހި ކުލައިގެ ޓީޝާޓް ލައިގެން ތިއްބެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއީ ފުވައްމުލަކުގައި އަދާލަތު ޕާޓީގެ ހަރަކާތްތައް ފެށުނުއިރު އެންމެ ފުރަތަމަ އެ ޕާޓީއާ ގުޅުނު ފަސް މެމްބަރުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އިންތިހާބަށް ތައްޔާރު ވަމުން ދާއިރު، އަދާލަތު ޕާޓީއިން ކޯލިޝަން ހަދާފައި ވަނީ ވެރިކަން ކުރާ ޕާޓީ، އެމްޑީޕީއާ އެކުގައެވެ.
ޑރ. މުއިއްޒު ޕީއެންސީގެ ފަރާތުން ކުރިމަތި ލެއްވިއިރު، އެ ޕާޓީއާއެކު ކޯލިޝަން ހަދާފައި ވަނީ ޕީޕީއެމް އިންނެވެ. ޕީއެންސީއިން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އިންތިހާބުގައި ވާދަ ނުކުރެއްވޭތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް