ދިވެހިރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ޚިދުމަތް ރޭގައި އިފްތިތާހު ކޮށްފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު ހަފްލާއެއްގައި، 'ފަވަރަ'އިގެ ނަމުގައި މި ސިސްޓަމްގެ ޚިދުމަތްތައް އިފްތިތާހު ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމެވެ.
ފަވަރައިން ޚިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. އެހެންކަމުން މި ވަގުތު މި ޚިދުމަތް ލިބޭނީ މި ތިން ބޭންކުގެ މެދުގައި ހިންގާ މުޢާމަލާތްތަކަށެވެ.
އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތްކަމުގައި ވީނަމެސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުޢާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ނަމުގައި ދިވެހިރާއްޖެއަށް މުޅިން އަލަށް ދެ ޚިދުމަތެއް ވަނީ ތައާރަފުކުރެވިފައެވެ.
ފަވަރަ އައިޑީ އިން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީ އެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމުގެ މަގު ފަހިކޮށްދެއެވެ. އަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވެއެވެ. މި ޚިދުމަތުން ވަކިވަކި ފަރުދުންނަށް ވެސް އެކި ފަރާތްތަކުގެ މެދުގައި ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެއެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ފަވަރަ މެދުވެރިކޮށް ދެވޭ ހުރިހާ ޚިދުމަތްތަކެއް ވެސް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ޚިދުމަތެއް ވެސް ލިބޭނެއެވެ. ފަވަރައިގެ ޚިދުމަތް ފަށާފައިވާއިރު މި ވަގުތު ފަވަރަ ޓްރާންސްފަރ އެއް ކުރެވޭނެ އެންމެ މަތީ އަދަދު ކަމުގައި ކަނޑައަޅާފައިވަނީ 50،000 ރުފިޔާއެވެ. އަދި ފަވަރަ ރިކުއެސްޓެއް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.
ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ.
ފަވަރައިގެ ޚިދުމަތްތައް 3 ބޭންކާއެކު ފެށިކަމުގައިވީ ނަމަވެސް، ކައިރި މުސްތަގުބަލެއްގައި ދިވެހިރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް މި ސިސްޓަމާ ގުޅުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެސް ދަނީ ވަމުންނެވެ.
އަދި ފަވަރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ޒަމާނީ އަދި އީޖާދީ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަޤްސަދުގައި، ބޭންކް ނޫން ޕޭމަންޓް ޚިދުމަތް ދޭ ފަރާތްތަކަށް ވެސް މި ސިސްޓަމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް