އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމަށް ގިނަފުރުޞަތުތަކެއް އެބަހުރި: ޗައިނާ

އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމަށް ގިނަފުރުޞަތުތަކެއް އެބަހުރި ކަމަށް ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމާސް ވަންގް ޝައުވެން ވިދާޅުވެއްޖެއެވެ. ޗައިނާގެ އިންޓަނޭޝަނަލް ޓްރޭޑް ރެޕްރެޒެން...

26 Aug 2023 | 19:13

އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމަށް ގިނަފުރުޞަތުތަކެއް އެބަހުރި ކަމަށް ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމާސް ވަންގް ޝައުވެން ވިދާޅުވެއްޖެއެވެ.

ޗައިނާގެ އިންޓަނޭޝަނަލް ޓްރޭޑް ރެޕްރެޒެންޓޭޓިވް އަދި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމާސް ވަންގް ޝައުވެން ހުކުރު ދުވަހު ވިދާޅުވީ ނިއުދިއްލީ އާއި ބެއިޖިންއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ވަރަށް ބާރަށް ބަދަހިވަމުން އަންނަ ކަމަށާއި އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު ޖާގައެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަ ދެއްކެވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ބޭއްވި ބީ20 ސަމިޓުގަ އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ޗައިނާގެ އިތުރު ވިޔަފާރިތައް ހަމަހަމަ އުސޫލުން މިތަނުގައި ވިޔަފާރި ކުރަން އިންޑިއާއަށް އަންނާނެ ކަމަށް. މިކަމުގެ ސަބަބުން އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިވުމުގެ ޖާގަ ވަރަށް ބޮޑެވާނެ. އަޅުގަނޑުމެން އުއްމީދު ކުރަނީ ޗައިނާގެ ކުންފުނިތަކާ މެދު ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލުން އަމަލު ކުރާނެ ކަމަށް،" ޗައިނާގެ މިނިސްޓަރު ވިދާޅުވި އެވެ.

ބީ20 ސަމިޓްގެ އިންޑިޔާގެ ޝިއާރަކީ "އާރް.އޭ.އައި.އެސް.އީ - ރެސްޕޮންސިބަލް، އެކްސެލެރޭޓެޑް، އިނޮވޭޓިވް، ސަސްޓެއިނަބަލް އެންޑް އިކުއަޓަބަލް ބިޒްނަސް" އެވެ. ބިޒްނަސް 20 ނުވަތަ ބީ20 އަކީ 2010 ވަނަ އަހަރު އުފެއްދި ފޯރަމެއް ކަމަށްވާއިރު، މިއީ ދުނިޔޭގެ ވިޔަފާރިވެރިންނާ އެކު ބާއްވާ ރަސްމީ ޖީ20 ޑައިލޮގް ފޯރަމެވެ.

ބީ20ގެ އަމާޒަކީ އިޤްތިޞާދީ ކުރިއެރުމާއި ކުރިއެރުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ ރޮޓޭޓިންގ ޕްރެޒިޑެންސީއަކުން އިސްކަންދޭ ގޮތުގެ މައްޗަށް ހަރުދަނާ އެކްޝަނަބަލް ޕޮލިސީ ރެކޮމެންޑޭޝަންތައް ފޯރުކޮށްދިނުމެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާތާ ތިން އަހަރު ވެފައިވާއިރު، ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ހުރިހާ ލެވެލެއްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އިރުމަތީ ލަޑަކްގައި ޗައިނާއިން ދިން ހަމަލާތަކަށް ފަހު، 2020 ވަނަ އަހަރުން ފެށިގެން އިރުމަތީ ލަޑަކްގެ ބޯޑަރުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދެ ފަރާތުން މިހާތަނަށް 19 ފަހަރެއްގެ މަތިން މަޝްވަރާތައް ވަނީ ބާއްވާފަ އެވެ.

ދާދި ފަހުން ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ކުރިއަށްދިޔަ 15 ވަނަ ބްރިކްސް ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންޕިންއާ މަޝްވަރާ ކުރައްވައިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ބާލީގައި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ދެއްވި ޖީ-20 ފަރިއްކޮޅުގައިވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޝީއާ ބައްދަލުކުރައްވާފައެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ ބީ20 ސަމިޓުގައި ދެކުނު ކޮރެއާގެ ޓްރޭޑް މިނިސްޓަރު އަހަން ޑުކް-ގޫން ވެސް ވަނީ އެއްޗެއް ވިދާޅުވެފަ އެވެ.

"ވަރަށް މޮޅު. ޖީ-20 ގެ ބައްދަލުވުން އިތުރަށް މުހިންމުވެގެން ދަނީ ކޮންމެ އަހަރަކު ވެސް ޖީ20 ބައްދަލުވުމެއް ބާއްވާތީއެވެ. މިއީ ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕްގެ ރަމްޒީ މުނާސަބަތެއް،" ދެކުނު ކޮރެއާގެ މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ އިގްތިސާދު މިވަގުތު އޮތީ ފަސް ވަނައިގައެވެ. އެމެރިކާ، ޗައިނާ، ޖަޕާން އަދި ޖަރުމަނުގެ ފަހަތުންނެވެ. 2014 ވަނަ އަހަރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އިންޑިއާއަކީ 10 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. 2022 ވަނަ އަހަރު އިންޑިއާ ވެފައިވަނީ އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް