ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ދިއްގަރަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި ރަތްމަންދޫގެ އިތުރުން، ވޭވަށް، ދިއްގަރު، މުލި އަދި މަޑުއްވަރީއަށް ވަޑައިގެންނަވާނެ އެވެ.
ރައީސް ސޯލިހު ދިއްގަރަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކައުންސިލްގެ ރައީސާއި ރަށުކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނެވެ. އަދި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެފައިވެ އެވެ.
ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމެއްވެސް ކުރިޔަށް ގެންދިޔަ އެވެ.
ރައީސް ވަނީ އެ ރަށު ރަށުކައުންސިލާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ރަށުގެ ތަރައްގީއަށް ކުރަމުންދާ މަަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރަށު ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައިވެ އެވެ.
ދިއްގަރުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒަށް ބައެއް އިތުރު ކުރުމާއި، ވޮލީ ކޯޓު އެޅުމާއި ފެނަކައިގެ ދެބުރީގެ އިމާރާތް ހިމެނެ އެވެ. ފެނާއި ނަރުދަމާ އަދި ފެނަކަ އޮފީހާއި އިންޖީނުގެ އެޅުން ހިމެނެ އެވެ. މިހާރު ޓެންޑަރުގައި ހުރި މަާޝްރޫއުތަކުގެ ތެރޭގައި، ސޯލާ ޕީވީ ނިޒާމް ގާއިމް ކުރުން ހިމެނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހައުސިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންނަވަ އެވެ.
މ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނަވާނީ ހޯމަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް