މަޑުއްވަރީ ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތިން: ރައީސް ސޯލިހް

މަޑުއްވަރީ ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދ...

27 Aug 2022 | 12:15

މަޑުއްވަރީ ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މަޑުއްވަރީ ބަނދަރު ސަރަޙައްދުގައެވެ.

މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި، ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށިގެންދާނެ ކަމަށެވެ. ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތީންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.

މަޑުއްވަރީގެ ޞިއްޙީ ޚިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ޚިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ކުރިޔަށް ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަޑުއްވަރީގައި ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ މ. ދިއްގަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް