ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. މަޑުއްވަރީއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި ރަތްމަންދޫގެ އިތުރުން، ވޭވަށް، ދިއްގަރު، މުލި އަދި މަޑުއްވަރީއަށް ވަޑައިގެންނަވާނެ އެވެ.
ރައީސް ސޯލިހު މަޑުއްވަރީއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކައުންސިލްގެ ރައީސާއި ރަށުކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނެވެ. އަދި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެފައިވެ އެވެ.
ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމެއްވެސް ފިރިހެނުން ފަޅުތެރޭގައި ކުރިޔަށް ގެންދިޔަ އެވެ.
ރައީސް ވަނީ އެ ރަށު ރަށުކައުންސިލާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ރަށުގެ ތަރައްގީއަށް ކުރަމުންދާ މަަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރަށު ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައިވެ އެވެ.
މަޑުއްވަރީގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ފެނަކަ އޮފީހާއި އިންޖީނުގެ އެޅުން ހިމެނެ އެވެ. މިހާރު ޓެންޑަރުގައި ހުރި މަާޝްރޫއުތަކުގެ ތެރޭގައި، ސޯލާ ޕީވީ ނނިޒާމް ގާއިމް ކުރުން ހިމެނެ އެވެ. ކޮންޓްރެކްޓުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ހިމެނޭއިރު ނިމިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސްޕޯޓްސް އިންފްރާސްޓްރަކްޗާ ގާއިމް ކުރުން ހިމެނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހައުސިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންނަވަ އެވެ. މި ދަތުރުފުޅުގައި ރައީސް މިއަދު ދެން ވަޑައިގެންނަވާނީ ދިއްގަރަށެވެ.
މ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނަވާނީ ހޯމަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް