ވިއްސާރައިގަ ޕާކިސްތާނުން ހާހެއްހާ މީހުން މަރުވެ، 184،000 މީހުން ހާލުގައި ޖެހިއްޖެ

ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ184،000 މީހުން ހާލުގައި ޖެހިއްޖެ އެވެ. ވިއްސާރަ އާއި ގުޅިގެން މުޅި ޕާކިސްތާނުގައި މިހާރު އޮތީ ކުއްލި ހާލަތު އިއުލާނު ކޮށްފަ އެވެ. އެ ގައުމުގެ ކ...

27 Aug 2022 | 04:48

ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ184،000 މީހުން ހާލުގައި ޖެހިއްޖެ އެވެ.

ވިއްސާރަ އާއި ގުޅިގެން މުޅި ޕާކިސްތާނުގައި މިހާރު އޮތީ ކުއްލި ހާލަތު އިއުލާނު ކޮށްފަ އެވެ.

އެ ގައުމުގެ ކްލައިމެޓް މިނިސްޓްރީން ބުނީ މިއަހަރު ޕާކިސްތާނަށް ވިއްސާރަ ކުރަމުންދަނީ މީގެ ކުރިއާ ތަފާތުކޮށް ރައްޔިތުން ހާސްކަމުގައި ތިބެން ޖެހޭ ފަދަ ގޮތަަކަށް ކަމަށެވެ. އެ މިނިސްޓްރީން ބުނީ މީގެ ކުރިން ކޮންމެ އަހަރަކުވެސް ޕާކިސްތާނަށް ބޯކޮށް ވާރޭވެހި މޫސުން ގޮސްވާނީ ފާހަގަ ކުރެވިފައިވާ ހަތަރު ދުވަސްވަރެއްގައި ކަމަށެވެ.

އެކަމަކު އެކަން ބަދަލުވެ އިރުވައި މޫސުމުގައިވެސް މޫސުން ގޯސްވެ ގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މިދިޔަ ތިން މަހު ކުރި ވިއްސާރައިގަ ޕާކިސްތާނުގެ33 މިލިއަން މީހުންނަށް އަސަރު ކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ތިން މަހުގެ ތެރޭގައި937 މީހުން ވަނީ މަރުވެފައި އެވެ. އަދި 184،000 ރައްޔިތުން ގެދޮރު ގެއްލި ހާލުގައި ޖެހިގެން ދިރިއުޅެމުންދަނީ ރައްކާތެރި ހިސާބުތަކުގައި ޖަހާފައިވާ ޓެންޓުތަކުގައި އެވެ.

ވިއްސާރައިގަ ހަތަރު ލައްކަ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ. ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުންވަމުންދަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތަކަށެވެ.

ދެކުނުގެ ޕްރޮވިންސްތަކުގެ ސަރަހައްދީ ސަރުކާރުން ވަނީ ހާލުގައި ޖެހެމުންދާ މީހުން ދިރިއުޅެން އެއް މިލިއަން ޓެންޓު ހަމަޖައްސައި ދިނުަމށް ޕާކިސްތާނުގެ މައި ސަރުކާރުގައި އެދިފަ އެވެ. ބައެއް އާއިލާތަކުން މީޑިއާގައި ބުނެފައިވަނީ އެމީހުން ނިދައި ދިރިއުޅެމުން ދަނީ ރިކްޝާ ތަކުގައި ކަމަށެވެ.

ޕާކިސްތާނުން ވަނީ އދ. އާއި ގައުމުތަކުން އެ ގައުމުގެ ރައްޔިތުން މިހާލަތުން އަރައިގަތުމަށް އެހީ ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް