ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމަށް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑުން 28 މިލިއަން ޕައުންޑުގެ ބިޑެއް ހުށައަޅައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ގޯލް އިން ރިޕޯޓުކުރި ގޮތުގައި ޔުނައިޓެޑުން ރޮނާލްޑޯ ހޯދުމަށް 28 މިލިއަން ޕައުންޑުގެ ބިޑެއް ހުށައަޅާފައިވާއިރު، ޔުނައިޓެޑުން އަންނަނީ ރޮނާލްޑޯގެ ސޮއި ހޯދުމުގެ އެންމެ ފަހުގެ ނަރުހަހަލާތައް ކަޑަތަުކުރަމުންނެވެ.
އިޓަލީގެ ޔުވެންޓަސްއަށް ތިން އަހަރު ކުޅެދިނުމަށް ފަހު ރޮނާލްޑޯ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ އެންމެ ފުރަތަމަ ގުޅޭގެ ކަމަށް މީޑިއާގައި އެންމެ ބޮޑަށް އަޑު ފެތުރީ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށެވެ. ނަމަވެސް ސިޓީން ރޮނާލްޑޯ އަށް ޝައުގުވެރިކަމެއް ނެތް ކަމަށް ފާޅުކުރުމުން ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފެށީކަމަށްވެސް ގޯލްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވުމަށް ޚިޔާލުކުރީ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަދި ރޮނާލްޑޯއާއި ގާތް ގުޅުމެއް އޮންނަ އެލެކްސް ފާގަސަންގެ އިރުޝާދުގެ މަތިން ކަމަށް ރިޕޯޓުގައި ބުނެއެވެ. މި ރިޕޯޓު ބުނާ ގޮތުން ރޮނާލްޑޯ ސިޓީއަށް ބަދަލުވާން އުޅޭކަމަށް އަޑުގަދަ ވެފައިވަނިކޮށް ފާގަސަން ވަނީ ރޮނާލްޑޯއަށް ގުޅާ ސިޓީއަށް ބަދަލުވުމުގެ ބަދަލުގައި ޔުނައިޓެޑާއި ގުޅުމަށް އިރުޝާދު ދީފައެވެ. ރޮނާލްޑޯ ޔުނައިޓެޑު ޚިޔާރުކުރީ ވެސް މި ސަބަބައްޓަކައި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި ދިއުމަކީ ޔުނައިޓެޑުގެ ސަޕޯޓަރުންނާއި ޔުނައިޓެޑުގެ ކޯޗު ކޮލްޝެއާގެ ވެސް އެންމެ ބޮޑު އެދުމެވެ.
ރޮނާލްޑޯ ވަނީ މީގެ ކުރިން 2003 އިން 2009 ވަނަ އަހަރާއި ހަމައަށް ޔުނައިޓެޑަށް ކުޅެ ދީފައެވެ. އެ މުއްދަތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް292 މެޗު ކުޅެދީ118 ލަނޑު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް