ޔުނައިޓެޑުން ވެސް ރޮނާލްޑޯ ހޯދުމުގެ ރޭހަށް !

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ވެސް ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބު...

27 Aug 2021 | 13:50

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ވެސް ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ކަން މިހާރު ޔަގީން ވެފައިވާއިރު، ރޮނާލްޑޯ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މެންޗެސްޓާ ސިޓީއަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ރޮނާލްޑޯ ސިޓީއަށް ބަދަލުވުމަށް ކުރެވޭ މަޝްވަރާތަށް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި އެ މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް ވެސް ވަނީ ލިބިފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން މާދަމާގެ ވަގުތެއްގައި ސިޓީން ރޮނާލްޑޯ ހޯދުމަށް ބިޑް ކުރާނެއެވެ.

ޔުވެންޓަސް އެމްޕޮލީ ބައްދަލުކުރާ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނީ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ބޭނުންވާ ވާހަކަ ވަނީ ބުނެފައެވެ. އަދި ކުރިޔަށް ލީގުގައި އެމްޕޮލީއާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ރޮނާލްޑޯ ނުފެންނާނެ ކަމަށާއި އޭނާ ސްކޮޑުގައި ނުހިމެނީވެސް އެހެން ވެގެން ކަމަށް އެލެގްރީ ވަނީ ބުނެފައެވެ.

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމާ އެކަން ކުލަބަށް އަންގާފައިވާއިރު، ޔުވެންޓަސްއިން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އަދި ރޮނާލްޑޯ މިހާރު ވަނީ އިޓަލީ ދޫކޮށް އެނބުރި ގައުމަށް ގޮސްފައިކަމަށް ވެސް ބައެއް ރިޕޯޓުތަކުން ޚަބަރު ދެއެވެ.

ރޮނާލްޑޯ ހޯދުމުގެ ރޭހަށް ޔުނައިޓެޑުން ވެސް ވަދެފައިވާއިރު، ރޮނާލްޑޯގެ ކުރީގެ ކުލަބު ޔުނައިޓެޑުގެ ކޯޗު ސޮލްޝެއާވެސް ބުނެފައިވަނީ ޔުނައިޓެޑުން އަބަދުވެސް ރޮނާލްޑޯއަށް މަރުޙަބާ ކިޔާނެ ކަމަށާއި އެގޮތުން ޔުނައިޓެޑު އޮތީ ރޮނާލްޑޯގެ އިންތިޒާރުގައި ކަމަށެވެ.

” ރޮނާލްޑޯއަށް އެނގޭނެ އަހަރެމެން އޭނާއާއި މެދު ވިސްނާގޮތް. ބުރޫނޯ ލައްވާ ވެސް ރޮނާލްޑޯއާ އަހަރެމެން ވާހަތައް ދެއްކިން. ޔުވެންޓަސް ނޫން ޓީމަކަށް ބަދަލުވާނަމަ އަހަރެމެން މި ތިބީއޭ ވެސް ބުނިން.” ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާ ބުންޏެވެ.

ރޮނާލްޑޯ ސިޓީއަށް ބަދަލުވާން ނިމާފައިވާ ކަމަށް އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން ވެސް ދަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުން ބުނާ ގޮތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބޭވަފާތެރިވެފައެވެ. ދޮގު ހަދާ އޮޅުވާލާފައެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުން ބުނާ ގޮތުގައި ރޮނާލްޑޯ މީގެ ކުރިން ވަނީ ޔުވެންޓަސް ދޫކޮށްލާނަމަ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އަދި މީގެ ކުރިން ސިޓީއަށް ދުވަހަކުވެސް ނުކުޅޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް މިހާރު ރޮނާލްޑޯގެ ވިސްނުން ބަދަލުވެ ޔުނައިޓެޑަށް އައުމުގެ ބަދަލުގައި ޔުނައިޓެޑާއި އެންމެ ވާދަވެރި ސިޓީއަށް ބަދަލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޔުނައިޓެޑުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

އެގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުން ރުޅިގަދަވެ އޭގެ ތެރެއިން ބައެއް ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ ޖާޒީއެއް އަންދާލާ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް