ރޮނާލްޑޯ ދެން ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވާނެ - ރިޕޯޓް

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުންގެ ތެރޭގައި ހިމެނޭ އިތުބާރު ފޯވާޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބު ބަދަލުކުރަން އުޅޭ ވާހައަކީ މުޅި ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުގައި މިހާރު އެންމ...

27 Aug 2021 | 11:31

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުންގެ ތެރޭގައި ހިމެނޭ އިތުބާރު ފޯވާޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބު ބަދަލުކުރަން އުޅޭ ވާހައަކީ މުޅި ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުގައި މިހާރު އެންމެ އަޑު ގަދަކޮށް ދެކެވޭ އެއްވާހަކައެވެ.

އެގޮތުން މިފަހަރުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ރޮނާލްޑޯ ކުލަބު ބަދަލުކުރާނެ ކަމަށާއި އަދި އަދި ރޮނާލްޑޯ ބަދަލުވުން އެންމެ ގާތީ އިންގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންސް މެންޗެސްޓާ ސިޓީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިވަގުތު ދުނިޔޭގެ މީޑިއާތަކުގައި އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކީ ރޮނާލްޑޯ މެންޗެސް ޓާ ސިޓީއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކަކެވެ. އަދި މިހާރު އެއީ އެއްކޮށް ނިމިފައިވާ ޑީލެއް ކަމަށްވެސް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވެއެވެ. ނަމަވެސް އަނެއްބައި މީޑީއާތަކުން ޚަބަރު ފަތުރާ ގޮތުގައި ސިޓީން ރޮނާލްޑޯ ގެންދިއުމަށް ޝައުގުވެރިވި ނަމަވެސް އެ ކުލަބުން ރޮނާލްޑޯ ގެންދަން ބޭނުން ވަނީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ. މި ދަނޑިވަޅުގައި އެއްވެސް ފައިސާއެއް ޚަރަދުކޮށްގެން ސިޓީން އެއްވެސް ކުޅުންތެރިއަކު އެ ކުލަބަށް ނުގެންނާނެ ކަމަށާއި ސަބަބަކަށް ވަނީ ސިޓީއާއި އެންމެ ފަހުން ގުޅުނު ގްރީލިޝް ގެނައުމަށް އެކުލަބުން 100 މިލިއަން ޕައުންޑް ޚަރަދުކޮށްފައިވުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ރޮނާލްޑޯގެ މުސްތަގުބަލާ ގުޅުވައިގެން ދުނިޔޭގެ ނަން މަޝްޙޫރު ނޫސްތަކުގައި އަންނަނީ ތަފާތު ވާހަކަތައް އާންމުކުރަމުންނެވެ. އެންމެ ފުރަތަމަ ދެކެވުނީ ރޮނާލްޑޯގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑަށް އަލުން އެނބުރި ދާން އުޅޭ ވާހަަކަތަކެވެ. ނަމަވެސް އެކަން ދޮގުކޮށް ރޮނާލްޑޯ ވަނީ ރެއާލްއަށް ދާން ނޫޅޭކަމަށް މީޑިއާއަށް ހާމަކޮށްފައެވެ.

ދެވަނައަށް ދެކެވުނީ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ވާހަކަތަކެވެ. އެކަން ވެސް ރޮނާލްޑޯ ދޮގުކުރިއެވެ. ނަމަވެސް މިހާރު އެންމެ ހޫނު ކޮށް މީޑިއާގައި ދެކެވޭ ވާހަކަ އަކީ ރޮނާލްޑޯ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަ ތަކެވެ. މިވާހަކަ ތަކާއި ގުޅިގެން ރޮނާލްޑޯގެ ބަހެއް ނުލިބުނު ނަމަވެސް އެ ވާހަކަ ތަކުގައި ކޮންމެވެސް ވަރެއްހެ ހަޤީޤަތްތަކެއް އެކުލެވޭކަމަށް ބެލެވެއެވެ. އެގޮތުން ސްކައި ސްޕޯޓްސްއިން ދާދި ފަހުން ހާމަކުރި ގޮތުގައި ރޮނާލްޑޯ މިހާރު ވަނީ ކުލަބު ބަދަލުކުރަން ބޭނުންވާ ކަން ޔުވެންޓަސްއަށް އަންގާފައެވެ.

އެހެން ކަމުން މިއަދުން ފެށިގެން ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވާނެކަމަށާއި އަދި ރޮނާލްޑޯ މިހާރުވަނީ ޔުވެންޓަސްގެ ކުޅުންތެރިންނާއި އަލްވަދާއު ކިޔުމަށް ފަހު ޔުވެންޓަސްގެ ފަރިތަކުރުންތައް ކުރިޔައްދާ ކޮންޓަނިސާ ދޫކޮށް ގޮސްފައިކަމަށް ވެސް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރޮނާލްޑޯ ޔުވެންޓަސްގެ ޓްރެއިނިން ގްރައުންޑް ދޫކޮށް ކާރަށް އަރައިގެން ދިޔަ މަންޒަރުގެ ވީޑިއޯ ބައެއް މީޑިއާތަކުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކޮށްފައެވެ.

ރޮނާލްޑޯ ބަދަލުވުން އެންމެ ގާތީ ސިޓީއަށް ކަމަށް ރިޕޯޓުތައް ބުނާއިރު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ވަނީ ރޮނާލްޑޯ އެ ކުލަބަށް ގެންނަން ބޭނުންވާ ކަމަށް ނުސީދާ ގޮތަކަށް ބުނެފައެވެ. ގާޑިއޯލާ ބުނީ ސިޓީއަށް ރަނގަޅު ފެންވަރުގެ ސްޓްރައިކަރެއް ބޭނުންވާ ކަމަށާއި ރޮނާލްޑޯ އަކީ އޭނާ ބޭނުންވާ ފަދަ މޮޅު ސްޓްރައިކަރެއް ކަމަށެވެ.

ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު އިޓަލީގެ ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި ޚަބަރުތައް ފެތުރިފައިވާއިރު، ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް އާއި ސިޓީއާއި ދެމެދު ވާހަކަތައް ދެކެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއަދުގެ ވަގުތެއްގައި ސިޓީން ރޮނާލްޑޯ ހޯދުމަށް ޔުވެންޓަސްއަށް ބިޑް ކުރާނެ ކަމަށް ވެސް އިތުބާރު ހުރި މަސްތަރުތަކުން ހާމަކުރެއެވެ.

އިޓާލިއަން ލީގުގެ ކުޅުން ފެށިގެން މިހާރު ކުރިޔަށްދާއިރު، އެންމެފަހުން އިޓާލިއަން ލީގުގައި އުދިނޭޒީއާއި ދެކޮޅަށް ކުޅުނު މެޗު ރޮނާލްޑޯ ފެށީ ބެންޗުންނެވެ. ރިޕޯޓުތައް ބުނާގޮތުން އެއީ ކުލަބު ބަދަލުކުރަން ބޭނުންވާތީ ކޯޗާއި ރޮނާލްޑޯ ވާހަކަ ދެއްކުމަށްފަހު ނިންމި ނިންމުކެވެ. ނަމަވެސް އެ މެޗުގެ ދެވަނަ ހާފުގައި އޭނާ ވަނީ ކުޅެން އަރާފައެވެ.

ރޮނާލްޑޯއާއި ހަވާލާދީ އިޓަލީގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުލަބް ބަދަލުކުރާށެވެ. ރޮނާލްޑޯ ޔުވެންޓަސްއާއި އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އޮތްއިރު، އޭނާ ހޯދަން ބޭނުންވާ ކުލަބަކުން 25 މިލިއަން ޔޫރޯގެ އަދަދެއް ހޭދަކުރަން ޖެހެއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުލަބުތަކަށް ކުރިމަތި ވެފައިވާ މާލީ ގެއްލުންތަކުގެ ސަބަބުން ރޮނާލްޑޯއަށް ބޮޑު އަދަދެއް ހުށައެޅުމަށް ކުލަބުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ސިޓީއަށް ބަދަލުވާން އުޅޭ ވާހަކަތަކާއި އެކު ޔުނައިޓެޑުން ވެސް ދަނީ ރޮނާލްޑޯ ހޯދުމަށް ބިޑުކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

ރޮނާލްޑޯ ޔުވެންޓަސްއާއި ގުޅުނީ ސްޕެއިންގެ ރެއާލް މެޑްރިޑުން 2018 ވަނަ އަހަރު 100 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ ޔުވެންޓަށް އަށް ގެނައީ ޗެމްޕިއަންސް ލީގު ތަށި ހޯދުމަށަވެ. ނަމަވެސް ރޮނާލްޑޯ ޔުވެންޓަސްގައި ހޭދަކުރި ތިން ޒީނަމުގައިވެސް އެކަން ކާމިޔާބު ވާގޮތް ވަނީ ނުވެފައެވެ.

ރޮނާލްޑޯ ޔުވެންޓަސްގައި ހޭދަކުރި އަހަރުތަކުގައި އޭނާ ވަނީ ޔުވެންޓަސްއަށް 134 މެޗުގައި 101 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް