މިދިޔަ މެއި މަހު ނައިޖީރިއާގައި ރަހީނު ކުރި ބައެއް ސްކޫލް ކުދިން ދޫކޮށްލައިފި

ނައިޖީރިއާގައި މިދިޔަ މެއި މަހު ފަހުކޮޅު ރަހީނުކޮށްގެން ގެންދިޔަ 136 ކުދިންގެ ތެރެއިން ބައެއް ކުދިން ދޫކޮށްލައިފި އެވެ. އަސްކަރީ ޔުނިފޯމު ލައިގެން ހަތިޔާރާއި އެކު ވަދެ އެކުދިންް ގެންގޮސްފައިވަނީ އެ ގަ...

27 Aug 2021 | 10:54

ނައިޖީރިއާގައި މިދިޔަ މެއި މަހު ފަހުކޮޅު ރަހީނުކޮށްގެން ގެންދިޔަ 136 ކުދިންގެ ތެރެއިން ބައެއް ކުދިން ދޫކޮށްލައިފި އެވެ.

އަސްކަރީ ޔުނިފޯމު ލައިގެން ހަތިޔާރާއި އެކު ވަދެ އެކުދިންް ގެންގޮސްފައިވަނީ އެ ގައުމުގެ ނިގަރް ސްޓޭޓްގެ ޓެގިނާގެ ސްކޫލެއްގައި ކިޔަވަން ތިއްބަ އެވެ. އޭގެ ތެރެއިން 15 ކުއްޖަކު އެ ދުވަހު ރަހީނުކޮށްގެން ގެންދަނިކޮށް އެމީހުންގެ އަތްދަށުން ސަލާމަތްވެފައިވާއިރު ހަ ކުއްޖަކު ވަނީ ސަލާމާތްވާން އުޅުމުގެ ތެރޭގައި މަރުވެފައި އެވެ.

އެމީހުން ވަގަށް ނެގި ކުދިންގެ ތެރެއިން ބައެއް ކުދިން ދޫކޮށްލި ސަބަބެއް ނޭނގެ އެވެ. އަދި ދޫކޮށްލީ ކިތައް ކުދިންކަންވެސް އަދި ސާފު ނުވާކަމަށް އެ ކުދިންގެ ސްކޫލުން މީޑިއާގައި ބުނެފައިވެ އެވެ.

އެކަމަކު ބައެއް ބެލެނިވެރިން ވަނީ އެމީހުންގެ ދަރިން އާއިލާ އާއި ހަވާލުކޮށްފައިވަނީ ގެއަށް ގޮސް ކަމަށް ބުނެފަ އެވެ. ދޫކޮށްލި ކުދިންގެ ތެރޭގައި 18 އަހަރާއި 15 އަހަރުގެ ކުދިން ހިމެނެ އެވެ.

މި ކުދިންނަކީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ރަހީނު ކުރި ކުދިންތަކެކެވެ. އެކުދިން ރަހީނު ކޮށްގެން ގެންދަމުން ޑިމާންޑުކޮށްފައިވާނީ ފައިސާ އަށެވެ. އޭގެ ފަހުންވެސް މިދިޔަ ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައިވެސް ސްކޫލް ދަރިވަރުންނާއި ހޮސްޕިޓަލްތަކުން ކުދިން ވަގަށް ނެގުމާއި ރަހީނު ކުރުމުގެ ހާދިސާތައް ހިނގާފަވެ އެވެ.

އޭގެ ތެރެއިން އެއް ފަހަރު އެމީހުން ކުރި ޑިމާންޑާއި އެއްގޮތަށް ދަރިވަރުންތަކެއް ސަލާމަތް ކުރަން ސްކޫލްގެ ބިމުގެ ބައެއް ވިއްކާލުމަށް ފަހު ފައިސާ ދިނުމުން ރަހީނު ކުރި ގްރޫޕުން ވަނީ އެވަރު މަދު ކަމަށް ބުނެ އެ ފަހަރު ރަހީނު ކުރި ކުދިން ދޫކޮށްލަން ދެކޮޅު ހަދާފަ އެވެ.

ނައިޖީރިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މި ދުވަސްވަރު އެ ގްރޫޕުގެ މީހުންގެ އަމާޒަށް ސްކޫލް، ޔުނިވާސިޓީ ތަކާއި އާންމުކޮށް މީހުން ގޮސް އުޅޭ އެހެނިގެން ތަންތަން ވެފައިވާ ކަމަށެވެ. ސަރުކާރުން ތުހުމަތު ކުރަނީ ކުދިންތައް ރަހީނު ކުރަނީ ނައިޖީރިއާގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ޖަމާއަތް ކަމަށްވާ ބޯކޯ ހަރަމް އިންނެވެ.

މިދިޔަ ޑިސެމްބަރު މަހުވެސް 1،000 އަށްވުރެ ގިނަ ކުދިން އެ ޖަމާއަތުން ރަހީނުކޮށްފައިވެ އެވެ. އޭގެ ތެރެއިން ނުވަ ކުދިން މަރާލާފައިވާއިރު އަދިވެސް 200 ކުދިން ވީނުވީތަނެއް ނޭގޭ ކަމަށާއި އޭގެ ތެރޭގައި އުމުރުން އެންމެ ތިން އަހަރުގެ ކުދިންވެސް ހިމެނޭ ކަމަށް ނައިޖީރިއާ ސަރުކާރުން ބުނެ އެވެ.

އެންމެ ފުރަތަމަ ބޯކޯ ހަރަމްއިން އެއްފަހަރާ ގިނަ ކުދިންތަކެއް ރަހީނު ކުރީ 2014 ވަނަ އަހަރު އެވެ. އެ އަހަރު 276 ކުދިން ސްކޫލްގައި ތިއްބަ ގެންގޮސްފައިވާތީ ނައިޖީރިއާގައި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ސެކިއުރިޓި އޮންނަނީ ވަރުގަދަ ކޮށްފަ އެވެ.

އެކަމަކު އެމީހުންގެ ހަމަލާތަކާއި ކުދިން ރަހީނު ކުރުމުގެ އަމަލަށް ބަދަލެއް އައިސްފައި ނުވާއިރު ސެކިއުރިޓީ ބަލަހައްޓާކަމުން ވާކަމެއް ނޯން ކަމަށް ބައެއް އާންމުން މީޑިއާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް