ގިނަ ދިވެހިންތަކެއްގެ ހިތް އަތުލާފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާއްމުންނަށް އަލުން ހުޅުވާލަން ނިންމައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް، ކޯވިޑް-19އާ ގުޅިގެން އާއްމުންނަށް ބަންދުކުރީ މިދިޔަ އަހަރުތެރޭއެވެ. މިހާރު އެތަން އާއްމުންނަށް އަލުން ހުޅުވާލަން ނިންމާފައިވާއިރު، ކޯވިޑް-19ން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެގޮތުން ރިސޯޓަށް އަރާ އަދި ފައިބާ ސަރަޙައްދުގައި ޓެމްޕަރޭޗަރ ޗެކް ކުރުމުގެ އިތުރަށް އާއްމު ތަންތަން ގިނަގިނައިން ޑިސްއިންފެކްޓު ކުރުން ހިމެނޭ ކަމަށް ވެއެވެ.
އާއްމުންނަށް ކްރޮސްރޯޑަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ. ކްރޮސްރޯޑްސްއަށް ދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ކްރޮސްރޯޑްސް މޯލްޑްސް މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. މާލެއިން 15 މިނެޓުން ކްރޮސްރޯޑްސްއަށް ދަތުރުކުރެވޭއިރު އާންމުން ޝަޢުޤުވެރިވާ ގިނަ ތަންތަން އެތަނުގައި ތަރައްޤީކޮށްފައިވެއެވެ.
މީގެ ތެރޭގައި މަޝްހޫރު ފެޝަން ބްރޭންޑްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ހިމެނޭ މަރީނާ ބޭއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ 2 ރިސޯޓު ތަރައްޤީކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފީ ތަރިކަ ދައްކުވައިދޭ ކަލްޗަރަލް ސެންޓަރަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ހަދާފައިވާ މެރިން ބަޔޮލޮޖިކަލް ސެންޓަރެއް ވެސް ކްރޮސްރޯޑްސްގައި ހިމެނެއެވެ.
އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ތައިލެންޑްގެ މަޝްހޫރު ކުންފުނި ސިންގހާ އެސްޓޭޓުން 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރަމުންދާ ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް