ތިލަމާލެ ބުރިޖަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު: ޝާހިދު

މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ، އެންމެ ބޮޑު މަޝްރޫޢު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސް...

27 Aug 2021 | 10:12

މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ، އެންމެ ބޮޑު މަޝްރޫޢު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ބުރިޖުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުން ނެރުއްވި ބަޔާނެއްގައެވެ.

މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެކެވެ.

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗަރއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެއެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ޝާހިދު ވިދާޅުވީ މިއީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއްކަމަށެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ.ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށް ކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް