ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގެ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.
މިއަހަރުގެ ފިއެސްޓާގައި އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ވާދަކޮށްފައިވާ އިރު، ހުނަރުވެރި ކުޅުންތެރިންތަކެއް ވެސް ވަނީ ފެނިފަ އެވެ.
ކޮންމެ ގިންތިއެއްގައިވެސް ހިމެނޭ ޓީމުތަކުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅެ، ފިރިހެން ބައިގެ ފައިނަލުގައި ވާދަކުރަނީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދި ކިންގްސް ޔުނައިޓެޑާއި 9 ޕޮއިންޓާއެކު ދެވަނަ ހޯދި ފެލްކަން ޔުނައިޓެޑެވެ.
މި ގިންތީގެ ހުރިހާ މެޗެއްގައި ވެސް ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު، މިރޭގެ ފައިނަލް މެޗަށް ދެޓީމުވެސް އޮތީ ފިޓުކޮށް ކަމަށް ބުނެއެވެ. އަދި އިދިކޮޅު ޓީމަށް ސިހުން ގެނުވާނެ ކަމަށް ވެސް ބުނެއެވެ.
އަންހެން ބައިގެ ފައިނަލުގައި ފައިނަލަށް ދަތުރުކޮށްފައިވަނީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އާއި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް އެވެ.
ބްލޫ ފްލޭމްސް ކުޅުނު 4 މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާެކު ފައިނަލަށް ދިޔަ އިރު، ބްލޫ ބަޓަރފްލައިސް އަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. އެއީ 4 މެޗުން 2 މެޗު ކާމިޔާބުކޮށް 1 މެޗުން އެއްވަރުވުމުން ނެވެ.
މި ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ޔޫތް މިނިސްޓްރީ ހިންގެވުމާއިހާވަލުވެ ހުންނެވި، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމެވެ.
މިއަހަރުގެ ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.
މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ހުރިހާ މެޗެއް ވެސް "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" އެފްބީ ޕޭޖުން ލައިވް ކުރެއެެވެ. އަދި މިރޭ ކުޅޭ ފައިނަލް މެޗުތައް ވީޓީވީ އިން ވަގުތުން ދެއްކުމަށް ވެސް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް