ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ޕޫލެއް ތަރައްގީކުރަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.
އެ ކުންފުނިން ވަނީ މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެޗްޑީސީން މަސައްކަތް ކުރަމުންދަނީ، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، އާއްމުންނަށް ހިތްފަސޭހަ މާޙައުލެއްގެ ގޮތުގަ އެތަން ތަރައްޤީކުރުމަށެވެ. އެގޮތުން ޕާކުތަކާއި މައިޒާންތައް ތަރައްޤީކުރުމާއި އަދި ހުސް ޖާގަތަކަކީވެސް ފެހި، ހިތްފަސޭހަ ތަންތަނަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެއަކީ ރަށެއް ތަރައްޤީކުރުމުގެ ކޮންސެޕްޓްގައި އައު އެތައް ކަމެއް ފެންނަމުންދާ ސިޓީއެކެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީކުރަނީ "ޕޫލް ކްލަބް"އެއް ކަމަށެވެ. މި ޕޫލް ކްލަބަކީ ހުޅުމާލޭގެ ރުއްގަނޑު 2 ސަރަޙައްދުގައި ހަދާ ފަތާ ފެންގަނޑެކެވެ. އެޗްޑީސީން ބުނީ މި ޕޫލް ކްލަބަކީ އާއްމުކޮށް އެންމެނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމަށް ތަރައްޤީކުރާ ތަނެއްކަމަށެވެ.
ޕޫލް ކްލަބް ހެދުމަށް 6000 އަކަފޫޓުގެ ބިމެއް ރުއްގަނޑު 2 ސަރަޙައްދުންވަނީ ކަނޑައަޅާފައެވެ. މިތަނުގައި ޕޫލްގެ އިތުރަށް، ޕޫލް ބޭނުންކުރާ މީހުންގެ ތަކެތި ރައްކާކުރުމަށް ލޮކަރާއި، ފެންވަރާނެ ފާޚާނާ ބަރިވެސް ހަދަންޖެހެއެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރާ ތަނެކެވެ.
ޕޫލް ކްލަބެއް ތަރައްޤީކުރުމަށް ބިން ކަނޑައަޅާފައިވަނީ ކެފޭ/ރެސްޓޯރަންޓެއް ހިންގާނެ ޖާގައާ އެކުއެވެ.
ހުޅުމާލެ ރުއްގަނޑު ސަރަޙައްދަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ތަރައްޤީކުރަން ފަށާފައިވާ ތަނެކެވެ. އެގޮތުން 2019ވަނަ އަހަރު އެތާނގައިވަނީ އާއްމު ފާޚާނާ ބަރިއަކާއި މޫދަށް އެރޭ މީހުން ފެންވެރުމަށް ބޭރުގައިވެސް ފެންމާގަނޑު ބަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް