ނޫސްވެރިންނާއި ޚަބަރު ގެނެސްދޭ ފަރާތްތަކުން އަދާކުރަނީ ގައުމީ އަދި ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް މުޖުތަމައުގެ މަސްލަހަތާއި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އަދުގެ ދުނިޔެވަނީ ހުޅުވާލެވިފައި ކަމަށެވެ.
ކިތަންމެ ދުރުގައި ހިނގާ ކަމެއް ވިޔަސް ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި މީސްތަކުންނާއި ހަމައަށް އަންނަކަމަށާއި އެއީ ސޯޝަލް މީޑިއާ އާއި ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.
"ދުނިޔެ މިގޮތަށް ބަދަލުވެފައިވާތީ ދޮގު ޚަބަރާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދުވަނީ އިންތިހާއަށް ބޮޑުވެފަ. ކީރިތި ޤުރްއާނުގައި ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި މިފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ބަޔާންކޮށްފައިވޭ. އެއީ އެކަމުން ޢިބްރަތް ހާސިލު ކުރުމަށް. އެކަންތަކުގެ މަތީން ހަނދާންކޮށް، އެކަންކަމުން ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ އެހެންކަމުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާ މިވަނީ މިއަދު ވަރަށް ބޮޑުވެފައި ކަމަށެވެ. އަދި އެމީހުން އެ އުފުލަނީ އެއްވެސް އޮޅުވާލުމެއް ނެތި ކަމުގެ ހަގީގަތާއި އެއްގޮތަށް މީސްތަކުންނަށް ސައްޙަ ޚަބަރާއި ތެދު މަޢުލޫމާތު ފޯރުކޮށްދީ، މަގު ދެއްކުމުގެ ޒިންމާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް