ތިލަފުށި ބްރިޖު، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ: ޝާހިދު

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ, ވިލިމާލެ، ގުޅީ...

27 Aug 2021 | 06:42

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އިންޑިއާގެ މާލީ އެހީއާއެކު އަޅާ މި ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

https://twitter.com/abdulla_shahid/status/1430789083597443073

މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެކެވެ. އަދި މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ، އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަށެވެ.

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗަރއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ނެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓާއި ގުޅިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިޔަކަށްވުމީ އިންޑިއާއަށް ލިބޭ ފަޚުރެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އިސްކަން ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް