އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތައް ގުޅިގެން ދަނީ ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ ...

27 Aug 2021 | 04:48

އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތައް ގުޅިގެން ދަނީ ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަޙައްދީ ފެންވަރުގަޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވާފަ އެވެ.

އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަމާއި ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫތު ޙިއްޞާ ކުރުމުގެ މުހިންމުކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފަ. އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން އަންނަނީ ކުރަމުން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލްކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް