އަސްކަރިއްޔާގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން: ރައީސް ސޯލިހު

އަސްކަރިއްޔާގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 67 ވަނަ އަސާސީ ތަމ...

26 Aug 2021 | 20:09

އަސްކަރިއްޔާގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަކީ މާތް ﷲ ގަންދީ ހުވާކޮށްގެން، ގައުމީ ޚިދުމަތުގައި ގުރުބާންވުމަށް އަޒުމް ކަނޑައަޅައިގެން އަބަދުމެ ތައްޔާރުގައި ތިބޭ ބައެއް ކަމަށެވެ. އެހެންކަމުން އަސްކަރިއްޔާގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން ކަމަށެވެ.

އެއީ ގައުމީ ޚިދުމަތުގައި ވެވޭ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށާއި ސިފައިންގެ މީހެއްގެ ނަން ލިބުމާ އެކު، ސިފަވަންތަ އަޚުލާހުގެ މަތީގައި ސާބިތުވެ ހުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފަ އެވެ.

" ސިފަވަންތަ އަޚުލާގެ އެންމެ މަތިވެރި ސިފައަކީ، ކޮށްފައިވާ ހުވާގެ މަތީގައި އިޚުލާސްތެރިކަމާއި ވަފާތެރިކަމާ އެކު ދެމިހުރުން. އެމީހެއްގެ އަމަލާއި ބަހުން، ސިފަވަންތަކަމުގެ އަޚުލާގާއި ސުލޫކު، އޭގެ އެންމެ މަތީ ދަރަޖައިގައި ތަމްސީލުކޮށްދިނުމަށް ސިފައިންގެ ކޮންމެ މީހަކުވެސް އިސްކަންދޭންވާނެ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިފައިންގެ ފަރާތުން ގައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުން ކަމަށެވެ.

"އެކަމަށް ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ގާނޫނުއަސާސީ އާއި ދިވެހި ސިފައިންގެ ގާނޫނާއި ސިފައިންގެ ތެރޭގައި އަމަލުކުރަމުން އަންނަ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް." ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް