ޖުލައި 15 ވަނަ ދުވަހު ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް/ މ.ދޯޅަބުގެ (38) ހައްޔަރުކުރުމަށް ފުލުހުން އުޅުމުގެ ތެރެއިން އޭނާއަށް އަނިޔާވެ ފަރުވާދިނުން ލަސްވި ލަސްވުމާއިމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރްސީއެމްއިން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ. މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ އެންޓި-ޓޯޗަރ ޤާނޫން 2013 ގެ ދަށުންނެވެ.
އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެޗްއާރްސީއެމްއިން އެ ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، އެ ހާދިސާގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރްސީއެމްއިން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން، މި ހާދިސާ ހިނގުމުން އާއިލާއިންވެސް މުޙައްމަދު އަޒްމީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާކަމަާށެވެ. މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުންލަސްވުން އެއީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ޙާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެ ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް އެ ކޮމިޝަނުންދަނީ ކުރަމުން ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި ތަޙުޤީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެވޭނެކަމުގައި ވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުންވެސް، އެ މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މަޢުލޫމާތުތައް ވެސް ހޯދުމުން ދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ކޯޓު އަމުރުގެ ދަށުން ޖުލައި16 ވަނަ ދުވަހުގެ1:00 އަށް ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފުލުހުން ދިޔުމަުން އޭނާއަށް އަނިޔާވެފައިވަނީ ފިލަން އުޅުމުގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ އޭނާއަށް އަނިޔާ ވެފައިވަނީ، މި މަހު15 ވަނަ ދުވަހު14:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިޔުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު، އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުމުން ކަމަށެވެ. އަދި ފުލުހުން ބުނީ މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތަކެއް ވެސް ވެފައި ކަމަށެވެ.
އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސް ކަސްޓޯޑިއަލް މެޑިކަލް އޮފިސަރު ބެލުމަށް ފަހު އެ ދުވަހުގެ15:05 ހާއިރު ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި މެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާގޮތް ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެދިފައިވާކަމަށް ފުލުހުން މިކަމާ ގުޅިގެން ކުރިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް