މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ފޮޓޯ ނެގުމުގެ މުބާރާތުން އެއްވަނަ ނައުޝަމް އަށް

މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ފޮޓޯ ނެގުމުގެ މުބާރާތުގެ ފަހުރުވެރި އެއްވަނަ، ފޮޓޯގްރާފަރު ނައުޝަމް ވަހީދު ހޯދައިފިއެވެ. ނައުޝަމް މި މުބާރާތަށް ތިން ފޮޓޯއެއް ހުށަހަޅާފައިވާ...

27 Jul 2023 | 17:10

މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ފޮޓޯ ނެގުމުގެ މުބާރާތުގެ ފަހުރުވެރި އެއްވަނަ، ފޮޓޯގްރާފަރު ނައުޝަމް ވަހީދު ހޯދައިފިއެވެ.

ނައުޝަމް މި މުބާރާތަށް ތިން ފޮޓޯއެއް ހުށަހަޅާފައިވާއިރު އެއްވަނަ ލިބިފައިވަނީ އުމުރުން ދުވަސްވެފައިވާ ދެމަފިރިއަކު ދިވެހިވަންތަ މިނިވަން މާހައުލެއްގައި "ރާއްޖެ މިނިވަން ވުން" މި ސުރުހީގައި ހަވީރު ނޫހުގައި ލިޔެފައިވާ އާޓިކަލް ކިޔަން ތިބި އުފާވެރި މާހައުލު ދައްކުވައިދޭ ފޮޓޯއަށެވެ.

މި މުބާރާތުން އެއްވަނަ އަށް ދިއުމުން ނައުޝަމް އަށް 15،000 ރުފިޔާ އާއި ހަނދާނީ ލިޔުމެއް ލިބިފައިވާއިރު ނައުޝަމް ބުނީ މުބާރާތުން އެއްވަނަ ލިބުމުން ވަރަށް އުފާވާ ކަމަށާއި އެ ފޮޓޯތަކަކީ ދުރާލާ އެކަމަށް ތައްޔާރުވެ ކުރެވުނު ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. އަދި އެ ފޮޓޯތައް ނެގުމުގައި ވީހާވެސް މިނިވަން ކަމާއި ދިވެހިވަންތަކަން ގުޅުވާލައި ފޮޓޯ ޕޯޓްރޭ ކުރެވޭތޯ މަސައްކަތް ކޮށްފައިވާނެކަމުގައި ނައުޝަމް ބުންޏެވެ. އަދި ފޮޓޯގްރަފީ ދާއިރާއިން ކުރިއަށްދިއުމަށް އަބަދުވެސް އެންމެ ހިތްވަރުދެމުން އަންނަނީ މަންމައާއި ބައްޕަ ކަމުގައިވެސް ނައުޝަމް ބުންޏެވެ.

އިމޭޖަސް އެމްވީގައި ފުލްޓައިމް ފޮޓޯގްރާފަރެއްގެ މަސައްކަތް ކުރަމުން އަންނަ ނައުޝަމް އަކީ ދިވެހި ޒުވާން ފޮޓޯގްރާފަރުންގެ ތެރެއިން ކުރިއަރަމުން އަންނަ ބުރަ އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ފޮޓޯގްރާފަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މިނިވަންދުވަހާއި ގުޅުވައި ކުރިއަށްގެންދިޔަ އެ ފޮޓޯ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމާއި މިނިވަންކަމުގެ މުހިންމުކަމާއި، ޤައުމީ ގޮތުން ފާހަގަކުރެވޭ، މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީވެސް މި މުބާރުތުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މުބާރާތް ކުރިއަށްގެންގޮސފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލައިގެންނެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކޮށްފައިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާއި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތައް ބައިވެރިން ހުށަހަޅާ ފޮޓޯތަކަށް އިންސާފުކުރުމުގައި ބަލާފައިވާނީ މައުޟޫޢާއި ހުރި ގުޅުން ހުރި މިންވަރާއި، އެކުލަވައިލުން، ފަންނުވެރިކަމާއި ފުރިހަމަކަން، ފޮޓޯ ކޮލެޓީއާއި ޓެކްނިކަލް ފަންނުވެރިކަން އަދި އުފެއްދުންތެރިކަމާއި އޮރިޖިނަލިޓީއަށް ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް