ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި އަރބަންކޯ ގުޅިގެން ކުލަ ގަދަ ކާނިވަލް ބޭއްވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ.
މާދަމާއިން ފެށިގެން 3 އޮގަސްޓްއަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ.
އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަރ ޓެގް ގެ ހަރަކާތްތައް ހިމެނިފައިވެއެވެ.
މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ.
މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ.
ވަނުން މުޅިން ހިލޭ މި ކާނިވަލްގައި، ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، ކިއުއާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީސިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް