މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓަކީ ފާރިސް މައުމޫން ކަން ކަށަވަރު ވެއްޖެއެވެ.
މިކަން ކަށަވަރު ވެފައި ވަނީ، މިއަދު ހަވީރު4:00ގެ ނިޔަލަށް އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ފާރިސް ނޫން މީހަކު ކުރިމަތި ނުލުމުންނެވެ.
އެ ޕާޓީން އިންތިހާބަށް ފާރިސް ނެރެން އުޅޭކަން މީގެ ކުރިން ވަނީ ނުރަސްމީކޮށް ކަށަވަރު ކޮށްދީފައެވެ.
https://twitter.com/MRM_Office/status/1684586717695856641
އެގޮތުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް މީގެ ކުރިން “ދުވަސް”އަށް ވިދާޅުވީ ރަސްމީކޮށް އެކަން އިއުލާނު ނުކުރި ނަމަވެސް ނުރަސްމީކޮށް އެކަން ނިންމާފައިވާ ކަމަށެވެ.
ޕާޓީގެ މެމްބަރުން ހަމަ ނޫންކަމަށް އީސީން ބުނާ ނަމަވެސް، މެމްބަރުން ހަމަވާނެ ކަމަށާއި އެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައި ވާކަމަށް އަލީމް ވިދާޅުވިއެވެ. އަދި އެ މައްސަލަ މިހާރު ޝެޑިއުލް ކުރަން ކައިރިވެފައި ވާނެ ކަމަށް އަލީމް ވިދާޅުވިއެވެ.
އެމްއާރްއެމްގައި މިވަގުތު ތިބީ 2،892 މެންބަރުން ކަމަށް އީސީގެ ލިސްޓުގައިވެއެވެ.
އެކަމާ ގުޅިގެން އެމްއާރްއެމްގެ ރަޖިސްޓްރަރ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޝަހީދާ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާއިރަށް ސައްހަ ނޫން މައުލޫމާތު މީޑިޔާތަކަށް ދީގެންވެސް ޕާޓީތަކުގެ އަގު ވައްޓާލެވޭ ކަމަށެވެ. އަދި މިއީ ޒިންމާދާރު މިނިވަން މުއައްސަސާގެ ދައުރުތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
“ހުށައަޅާފައި ހުންނަ ފޯމު ޕްރޮސެސް ނުކޮށް ރައްޔިތުންނަށް ކޯޗެއް އޮޅުވާލަންތޯ ތިޔަ ޓުވީޓް ކުރައްވަނީ” ޝަހީދާ ވިދާޅުވިއެވެ.
އެމްއާރްއެމްގެ ފަރާތުން ފާރިސަށް ވާދަ ނުކުރެވޭނަމަ އަމިއްލަ ގޮތުންވެސް ވާދަ ކުރައްވާނެކަން “ދުވަސް” އަށް ވަނީ ކަށަވަރު ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް