ހުޅުމާލެ ފޭޒް އެކެއްގައި ހިންގި ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކުޑަކުއްޖަކާއި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުހުލުން ބުނީ އިއްޔެ ހިންގި އެއް އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބިދޭސީ ތިން ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 26 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މި ތިން މީހުން ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށްވެސް ފުހުލުން ބުނެއެވެ.
މީގެ އިތުރަށް، މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖުސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުންފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައިއެވެ. އަދި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތު ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. 23 އަހަރުގެ މީހާގެބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް